ތިބާގެ މައްޗަށް ނަމާދު ކުރުމުގެ ކުރިން ތިބާ ނަމާދު ގާއިމް ކުރާށެވެ.
އިންސާނުން ދުނިޔެއަށް ފޮނުވުނު އެންމެ ބޮޑު މަޤުސަދަކީ މާތް الله އަށް އަޅުކަންކުރުމެވެ. މިދުނިޔެއަކީ އާޚިރަތަށް އޮތް އިމްތިހާނެކެވެ. ތިބާގެ ސުކޫލުން ދޭ އިމްތިހާނުން ފާސްވުމަށް ގަދައަޅައި މަސައްކަތް ކުރާ ބީދައިން އާޚިރަތުގެ އިމްތިހާނަށްވެސް ގަދައަޅައި މަސައްކަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެ އިމްތިހާނަކީ ތިބާގެ ސުކޫލުމް ދޭއިމްތިހާނަށް ވުރެން އެތައް ހާސް ގުނައެއް ބޮޑު އިމްތިހާނެކެވެ.
އެކި ކަންކަމުގައި ކަންނިންމުމުގެ އިޚުތިޔާރު ތިބާއަށް ލިބިގެންވޭ ނޫންހެއްޔެވެ؟ ގިނަ މީހުން ކާމިޔާބަކީ ބައެއް މީހުންނަށް ލިބޭއެއްޗެކޭ ބުނިކަމުގައި ވީ ނަމަވެސް ކޮންމެމީހަކަށް ވެސް، ކާމިޔާބު ކޮންމެ ދުވަހަކުވެސް 5 ފަހަރު ތިބާއަށް ގޮވާލައި ކަން ތިބާއަށް އެނގޭ ހެއްޔެވެ؟ އަދި އެ ގޮވާލާ ގޮވާލުމަށް އިޖާބަ ދިނުމާއި ނުދިނުން ވަނީ ތިބާގެ އަތްމަތީގައެވެ. އެހެންނަމަވެސް ދަންނަވަންތޯއެވެ؟ ތިބާގެ މަރު ތިބާއަށް ގޮވާލާނީ އެންމެ ފަހަރަކުއެވެ. އެ ގޮވާލުމަށް ތިބާ ރުހުނަސް، ނުރުހުނަސް އިޖާބަ ދޭން މަޖުބޫރުވާނެއެވެ.
ކަން މިހެން އޮތުމާއެކު ތިމާ ނަމާދުގެ މައްޗަށް އެހެން ކަންކަން އިސްކުރަނީ ކީއްވެގެން ހެއްޔެވެ؟ ތިބާ ނަމާދުކުރަން ފޫހިވަނީ ހެއްޔެވެ؟ ހަމަގައިމުވެސް ނަމާދު ކުރުމަށްޓަކައި ގާތްގަނޑަކަށް 5 މިނެޓު ނަގާއިރުގައި، ތިމާ ކުޅޭ ޕަބުޖީފަދަ ގޭމަށް ދުވަހުގެ ކިހާ ވަގުތެއް ހޭދަކުރެވޭ ހެއްޔެވެ؟ މަރުވާއިރަށް އަނެއްކާވެސް ފަށަނީއެވެ. އޭ އިންސާނާއެވެ. މިއަދު ތިމާމިސްކިތައް ނުދިޔަ ކަމުގައި ވީ ނަމަވެސް ކޮންމެސް ދުވަހަކުން ތިބާގެ މައްޗަށް ނަމާދު ކުރުމަށްޓަކައި މިސްކިތައް ގެންދެވޭނެއެވެ.
ދުނިޔޭގައި ޙަޔާތް ވޭތުކުރަމުން ދާވަގުތު ތަކުގައި، ތިމާއަށް ކުރިއަށް ދިއުމަށް އޮތް ދޮރުތައް ބަންދުވެ ދަތި ހާލުގައި ޖެހުމުން ތިބާއަށް މަގުދައްކައިދޭ އެއްޗެއް ގޮތުގައި ނަމާދުވާނެއެވެ. ކަށްވަޅުގެ އެ އަނދިރި ކަމުން ތިމާއަށް އަލިކަމެއް ކަމުގައި ތިބާ ކުރާ ނަމާދު ތިބާއާއި އެކު ވާނެއެވެ. ވީއިރު ހާސްކަމެއްނެތި ދުނިޔޭގެ ވަގުތީ އުފަލުގައި ޙަޔާތްވޭތުކުރަމުން އަންނަ އިރުގައި، ތިމާގެ މައްޗަށް ނިދާ އިއްވޭނެ ވަގުތެއް އަދި ތަނެއް ތިމާއަށް އެނގޭ ހެއްޔެވެ؟
ސުވަރުގޭހެ ތަޅުދަނޑި ކަމުގައިވާ ނަމާދު އެޅުމަކީ ހާދަހާ ނުބައި ޢަމަލެކެވެ. ވަގުތުން ވަގުތަށް ނުކުރެވުނަސް އެ ނަމާދު ވަގުތު ފަހަނަ އަޅައި ދިއުމުގެ ކުރިން ޤަޟާވެސްކޮށްލެވޭނެއެވެ. މިހުންނަނީ އިސްލާމް ދީނުގެ ލުއި ފަސޭހަ ގޮތްތަކެވެ. ކޮޅަށް ހުރެ ނަމާދު ނުކުރެވޭ މީހާ އިށީނދެ ނަމާދު ކުރެވިދާނެއެވެ. އަދި އިށީނދެ ނަމާދު ނުކުރެވޭ މީހާއޮށޯވެ ނަމާދު ކުރުމުގއ ފަސޭހަ ގޮތް އަޅުގަނޑުމެނެ މާތްވި އިސްލާމް ދީނުގައި ވެއެވެ. އަދި ދަންނަވަންތޯއެވެ. އެންމެ ބަލި މީހާ ލޮލުގެ އިޝާރާތުންވެސް ނަމާދު ކުރުމުގެފަސޭހަކަން އިސްލާމް ދީނުގައި ވެއެވެ.
ނަމާދު އެޅުމުގެ ނުބައިކަން އެނގޭ މީހަކު މަރުބަލީގައިވެސް އޮވެ ނަމާދު ނާޅާވޭތޯ މަސައްކަތް ކުރާނެއެވެ. ނަމާދެއް އެޅިއްޖެ ނަމަ އެކަމާއި ހިތާމަކޮށް މާތް الله ހަޟްރަތުން މަޢާފަށްއެދި އެކުމުގެ ޢަޒާބާއި މެދު ވިސްނާ ބިރުގަންނާނެއެވެ. އޭ އިންސާނާއެވެ. ތިބާގެ މައްޗަށް ނަމާދު ކުރެވުމުގެ ކުރިން ތިބާ ނަމާދު ޤާއިމް ކުރާށެވެ.