ޚަބަރު ސަރުކާރު

ހުޅުމާލެ ދެވަނަ ފޭސް އިން 16 ބިމެއް ވިއްކަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 16 ބިމެއް ވިއްކުމަށް ހުޅުވާލައިފި އެވެ.

Ads by MWSC

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކަކީ ބީޗް ފްރަންޓް ބިމާއި ބީޗް ސައިޑުގެ ބިން ކަމަށެވެ.

އެޗްޑީސީން ބުނީ ވިއްކަން ހަމަޖެހިފައިވަނީ ބީޗް ފްރަންޓުން 8 ބިމާއި ބީޗް ސައިޑުން 8 ބިން ކަމަށެވެ.

ބީޗް ފްރަންޓުން ވިއްކަން ހަމަޖެހިފައިވަނީ 1،095.98 އަކަފޫޓާއި 3،252.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި ބީޗް ސައިޑުން ވިއްކަން ހަމަޖެހިފައިވަނީ 1،440.80 އަކަފޫޓާއި 3،380.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.

 

އެ ބިންތަކުގެ ތެރެއިން ބީޗް ފްރަންޓުން ވިއްކަން ހަމަޖެހިފައިވާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500ރ އެވެ. އަދި ބީޗް ސައިޑުން ވިއްކަން ހަމަޖެހިފައިވާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000ރ އެވެ.

އެ ބިންތައް ވިއްކަން ހަމަޖެހިފައިވަނީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން ބުނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ބިން ވިއްކަން ހަމަޖެހިފައިވާއިރު، ކޮންމެ މީހަކަށްވެސް އެއް ބިމަށް ވުރެ ގިނަ ބިން ގަތުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅިދާނެ ކަމަށެވެ.

އޭގެ ތެރެއިން ފުރަތަމަ މަރުހަލާ ގައި އީއޯއައި ހުށަހަޅައިގެން ބިން ވިއްކުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މަރުހަލާގައި ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެކަކަށް ވުރެ ގިނަ މީހުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑުކޮށްގެން ކަމަށް އެޗްޑީސީން ބުންޏެވެ.

އެކަމާ ބެހޭ އިތުރު މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ލިބޭނެ އެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް އެތަނުގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވުމަށް އެދިފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!