2400 އަށް ވުރެ ގިނަ ޓީޗަރުން ތައުލީމު ނިޒާމަށް އަދި ވެސް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ދެއްކެވި ވާހަކާގަ އެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ރަސްމިއްޔާތުގެ ހުރިހާ ދަންފަޅިއެއް ވެސް ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ޕްރައިމެރީ ދާއިރާއަށް އެކަނިވެސް 250 މުދައްރިއްސުން ބޭނުންވާ ކަމަށެވެ. އެގޮތުން ދިވެހި މާއްދާއަށް 100 އަށް ވުރެ ގިނަ މުދައްރިސުން އަދި އިސްލާމް މާއްދާއަށް 50އަށްވުރެ ގިނަ މުދައްރިސުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ހިނދުން މި ހިނދަށްވެސް ތަމްރީން ލިބިފައިވާ ޓީޗަރުން އަޅުގަނޑުމެން ބޭނުންވޭ"
މިނިސްޓަރު ޝަފީއު ފާހަގަ ކުރެއްވި ގޮތުގައި އެކި ވަނަތައް ހާސިލް ކުރާ ދަރިވަރުންނަކީ ޓީޗަރުންގެ ބުރަ މަސައްކަތް ކަމަށް އެވެ. އަދި އެމަގުން ކުރިޔަށްދާން ތަމްރީން ލިބިފައިތިބި މުދައްރިސުންގެ މުހިންމު ކަމާ ގުޅޭ ގޮތުން ވާހަކަފުޅުގައި އަލިއަޅުއްވާލިއެވެ.
ރަސްމިއްޔާތުގައި ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ދަރިވަރުންގެ ތެރެއިންވެސް މުދައްރިސުން ކަމަށް ޝައުގުވެރިކަން ފާޅުކޮށް ދާއިރާއަށް ވަނުމުގެ އަޒުމް އާލާ ކުރަން ޖެހޭ ކަމަށެވެ. އަދި މުދައްރިސު ކަމަށް ވުރެ ވަކި ޝަރަފްވެރިކާމާއި އިހްތިރާމާއި ލޯބި ލިބޭނެ ވަޒީފާ އެއް ނޯންނާނެ ކަމަށް ޝަފީއު ފާހަގަ ކުރެއްވި އެވެ.
"ގައުމުގައި އިންޖީނިއަރެއް ހުރިކަމުގައި ވިޔަސް ޑޮކްޓަރެއް ހުރި ކަމުގައި ވިޔަސް އަދި ޓޫރިޒަމްގެ ދާއިރާގައި ފަންނީ ބޭފުޅުން ކަމުގައި ވިޔަސް، އެކައުންޓެންޓެއް ހުރި ކަމުގައި ވިޔަސް، ހުރިހާ ދާއިރާއެއްގެ މީހުން ބިނާ ކުރާ މޭސްތިރިންނަކީ ދިވެހި މުދައްރިއްސުން"
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރައީސް ގެ ލަފާފުޅާ އިރުޝާދާ އެއްގޮތައް ޓީޗަރުން ތަމްރީން ކުރުމުގައި އާ މަސައްކަތެއް ފައްޓަވާފައިވާ ކަމަށެވެ.
"މިގޮތުން މާރޗް 31 ވަނަ ދުވަހުގައި އަޅުގަނޑުމެން ކުރި މަސައްކަތަކީ ޖީޕީއީއަށް ދިވެހިރާއްޖޭގެ ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް އޭގެ ތެރޭގައި ހިމެނޭ ގޮތައް ގްރޭންޑް ތަކަށް އެޕްލައި ކުރުން. އަދި އަޅުގަނޑުމެން އެ ހުށަހެޅި ޕްރޮޕޯސަލްއަށް ބެއްލެވުމަށް ފަހުގައި ޖީޕީއީން އަޅުގަނޑުމެންގެ އެޕްރޫއަލްއެއް ލިބިފައި މިވަނީ މެއި 10 ވަނަ ދުވަހުގައި"
ޝަފީއު އިތުރަށް ވިދާޅުވީ އެ ޕްރޮގްރާމް އަންނަ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
2022 – 2023 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތު މިއަހަރު ކުރިޔަށް ގެންދަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މިދިޔަ އަހަރުގެ އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގައުމީ ގަދަ 10 ގައި 376 ދަރިވަރުން ހިމެނިފައިވެ އެވެ. އަދި ސާނަވީ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުންނަށް އެ ރަސްމިއްޔާތުގެ އެކި ދަންފަޅިތަކުގައި އިނާމު ލިބިގެންދާނެ އެވެ.