ޚަބަރު އިޖުތިމާޢީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހޯމައަށް ހަމަވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ ކަމަށް ހާއްސަ އިނާމާ ބެހޭ ކޮމިޓީން ބުނެފި އެވެ.

Ads by STELCO

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ. އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، ހާއްސަ އިނާމާ ބެހޭ އުސޫލު ވެސް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އެވެ.

އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެ އެވެ. އިނާމަށް ނަން ހުށަހަޅާއިރު ފޯމާ އެކުގައި ހުށަހަޅަން ޖެހޭ ލިޔުންތައް، ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށް ހުށަހެޅުމަށް އިނާމާ ބެހޭ ކޮމިޓީން އެދެ އެވެ. ލިޔުންތަކުގެ ދެ ފުށުގައި ލިޔެފައިވާ ނަމަ، ދެ ފުށް ވެސް އެޓެސްޓްކޮށް ހުށަހެޅުމަށް، ފޯމު ހުށަހަޅާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދިނުމަށް ވެސް އެދެ އެވެ.

އަދި މިހާރު ހުށަހަޅާފައިވާ މައުލޫމާތުތައް މުއްދަތު ހަމަވުމުގެ ކުރިން އިތުރަށް ބަލައި، ކަށަވަރު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މި އަހަރު އިނާމު ދިނުމަށް ހަމަޖައްސާފައި ވަނީ ހަތަރު ގިންތިއަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކުގެ ގިންތި
  • ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކުގެ ގިންތި
  • ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން، އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުގެ ގިންތި
  • ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުގެ ގިންތި

ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ. ޖުމްހޫރީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!