ރާއްޖޭގައި އެމްޕޮކްސްއަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ރާއްޖޭގައި އެމްޕޮކްސްއަށް ޓެސްޓް ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން މިހެން ބުނެފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެމްޕޮކްސްއަށް ޓެސްޓް ކުރުމަށް ބޭނުންވާ ކިޓުތައް އެ މިނިސްޓްރީ އާ ހަދިޔާ ކުރުމާ ގުޅިގެންނެވެ.
ޓެސްޓް ކިޓުތަކާ ހެލްތު މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. ޑަބްލިއުއެޗްއޯގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރު ޑރ. ޕަޑްމަލް ޑި ސިލްވަރ އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެމްޕޮކްސްއަށް ޓެސްޓް ކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން ކަމަށެވެ. އެހެންނަމަވެސް އެ ބައްޔަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލް ނެގޭނެ ކަމަށެވެ.
އެމްޕޮކްސް ކޭސްއެއް ފެނިދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ސިމިއުލޭޝަން އެކްސަސައިޒެއް މިފަހުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބޭއްވި މި އެކްސަސައިޒްގައި ހެލްތު މިނިސްޓްރީ، އެމްއޭސީއެލް އަދި ޓޫރިޒަމް މިނިސްޓްރީން އޮފިޝަލުން ބައިވެރިވި އެވެ.
އެއީ އެމްޕޮކްސް ކޭސްއެއް ފެނިއްޖެނަމަ އެކަމަށް ތައްޔާރުވުމާއި ކަމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދެވުނު އެކްސަސައިޒެކެވެ.
މި އަހަރުގެ މިހާތަނަށް ކޭސް ރިޕޯޓު ކޮށްފައިވާ އަދަދު މިދިޔަ އަހަރަށް ވުރެ އިތުރުވެފައި ވުމާ އެކު، ޑަބްލިއުއެޗްއޯއިން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.
އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެ އާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުންނެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މި ބަލި ފުރަތަމަ ފެނިފައި ވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރުގެ ތެރޭގައި އިންސާނުންގެ ކިބައިން ވެސް މި ބަލި ފެނިފައިވެ އެވެ.