ޚަބަރު ރައްޔިތުންގެ މަޖިލިސް

ވާނުވާ ޖެހުމުގެ ބަދަލުގައި ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނެ ނިޒާމެއް ގެންނަން ޖެހޭ: އައްބާސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އައްބާސް/ ފޮޓޯ: މަޖިލީސް

ކޮންމެ މައްސަލައެއްގައި މުއްދަތު ޖަހާފައި ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނެ ނިޒާމެއް ވަކި ގާނޫނަކާ އެކު ގެންނަން ޖެހޭ ކަމަށް ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ކަމުގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާ އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރަމުން ދަނީ މަޖިލިހުގެ ދައުރުން ބޭރުގަ އެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި އައްބާސްގެ ނަން އެކަންޏެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ އައްބާސް ހާޒިރުކޮށް އިންޓަވިއު ކުރުމެވެ. ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު ހުސްނީ މުބާރިކު ވަނީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެކިވަޑައިގަންނަވާ ތަސައްވަރާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަައްބާސް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަކީ ހަމައެކަނި ޕްރޮސިކިއުޓަ ޖެނެރަލް އޮފީސް އެކަނި ހިމެނޭ ނިޒާމެއް ނޫން ކަމަށެވެ. އެ އޮފީހުގެ އިތުރުން އެޓާނީ ޖެނެރަލާއި ތަހުގީގީ އިދާރާތަކާއި ކޯޓުތަކާ އަދި މަޖިލިސް ވެސް ހިމެނޭ ނިޒާމެއް ކަމަށެވެ.

ތަސައްވަރަކީ ކުރިން ލިބިފައިވާ މައުލޫމާތުގެ އަލީގައި އަދި މިހާރު ކަންކަން ހިނގަމުން އަންނަ ގޮތް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ އެކު މަޝްވަރާކޮށް، ނިޒާމަކީ ގެއްލިފައިވާ އިތުބާރު އަލުން އިއާދަކުރުން ކަމަށެވެ. އެގޮތުން ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރިކަމާ އެކު މަސައްކަތްކުރާ، އަވަސް ހިދުމަތެއް ލިބޭ ތަނަކަށް ދާއިރާ ހެދުން ކަމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބެން ޖެހޭ ޖެހުމަށް ހައްލު ހޯދުމަށް ގެންގުޅުއްވާ ތަސައްވަރާ ގުޅޭގޮތުން އައްބާސް ވިދާޅުވެފައި ވަނީ މައްސަލައިގެ ތަހުގީގު ފެށޭ ހިސާބުން ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ އުސޫލަކީ ގާނޫނު އަސާސީގެ ދަށުން ބަޔާންކޮށްފައި އޮންނަ އުސޫލެއް ކަމަށެވެ.

"އެކަމަށް ހައްލު ގެނައުމަކީ ގާނޫނު އަސާސީއަށް ވެސް ބަދަލު ގެންނަން ޖެހިދާނެ ކަމެއް. އޭގެ އިތުރަށް މިހާރު ސަރުކާރުން އިޖުރާތު ގާނޫނަށް ހުށަހަޅުއްވާފައި އޮތް އިސްލާހުތަކުން ބަދަލުތައް ގެނެވުނީމާ ވެސް މި ކަމަށް ހައްލުތަކެއް ލިބިގެންދާނެ،" އައްބާސް ވިދާޅުވި އެވެ.

މުޅި މައްސަލައަށް ހައްލު ލިބޭނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ކޯޓުތަކުން އަވަހަށް ހުކުމް ކުރެވޭ ގޮތަށް ނިޒާމް ބައްޓަން ކުރެވިގެން ކަމަށެވެ. އައްބާސް ވިދާޅުވި ގޮތުގައި އުމްރާނީ ވަސީލަތްތައް މަދުވުމުން މައްސަލަތައް ބެލުން ލަސްވާ މައްސަލައިގައި މިހާރު އޮތް ކަންބޮޑުވުމަށް ހުޅުމާލޭގައި ހަދަމުން އަންނަ ވަގުތީ ކޯޓާ އެކު ހައްލުތަކެއް ލިބިގެންދާނެ ކަމުގަ އެވެ. އެކަމަކު އެއީ ހަމައެކަނި ކްރިމިނަލް ކޯޓުގެ މައްސަލައެއް އެކަނި ނޫން ކަމުގަ އެވެ.

"މިސާލަކަށް ޕީޖީ އޮފީހުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާ އެއްޗެހި ވެސް ހުށަހަޅަން ޖެހޭ ފުރިހަަމަކޮށް ހުށަނޭޅުމުގެ ސަބަބުން ވެސް ލަސްތަކެއް ދިމާވާ ކަމަށް ހަބަރުތައް ލިބޭ. އޭގެ އިތުރަށް ހެކިން ހާޒިރު ކުރުމުގައި ހުންނަ ދަތިތަކާ މި ކަންކަމަކީ ވެސް ހައްލު ކުރަން ޖެހޭ ކަންކަން،" އައްބާސް ވިދާޅުވި އެވެ.

ވިދާޅުވީ މުޅި މައްސަލައަށް ހައްލު ހޯދޭނީ ވަށާ ޖެހޭ ދިރާސާއެއްގެ ތެރެއިން އަސްލު މައްސަލަ ދެނެގަނެ، ހުރިހާ ފަރާތްތަކެއް އެއްކޮށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މައްސަލަތައް ގާނޫނުތަކުގައި ކަނޑައެޅިފައިވާ މުއްދަތުތަކާ އެއްގޮތަށް ވީހާވެސް އަވަހަށް ނިމިގެން ދިއުން މުހިންމު ކަމަށެވެ.

އިތުރަށް އައްބާސް ފާހަގަކުރެއްވި ގޮތުގައި އިޖުރާތު ގާނޫނުގެ ތެރެއިން ހުށަހަޅާފައިވާ ބެއިލް ސިސްޓަމަށް ހައްލުތަކެއް ހޯދަން ޖެހޭ ކަަމުގަ އެވެ. ބެއިލް ސިސްޓަމް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި އެކަމަށް ވަކި ގާނޫނެއް ހަދަން ޖެހޭ ކަމުގަ އެވެ.

"ދުނިޔޭގެ އެހެން ތަންތަނުގައި އެކަން ކުރާ ގޮތަށް ރާއްޖޭގައި އެކަން ކުރަން ފެށުން. އެއީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑަށް ފެނޭ،" އައްބާސް ވިދާޅުވި އެވެ.

ކޮންމެ މައްސަލައެއްގައި މުއްދަތު ޖަހާފައި ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި އެ މީހަކީ ކިރިޔާ ވެސް ދޫކޮށްލާފައި ބެހެއްޓޭ މީހެއް ކަމަށް ވަންޏާ އެގޮތަށް ދޫކޮށްލެވޭ ނިޒާމެއް މިހާރަށް ވުރެ ހަރުދަނާކޮށް، ގާނޫނެއްގެ ތެރެއިން ގެނެސް މައްސަލައަށް ހައްލު ހޯދިދާނެ ކަމަށް އައްބާސްގެ ވާހަކައިގައި ފާހަަގަކުރެއްވި އެވެ.

ކުރެވުނު އިންޓަވިއުއަށް ފަހު ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރުމަށް މަޖިލިހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފައި ވަނީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ. ދައުރުން ބޭރުގައި މާދަމާ ހެނދުނު ބާއްވާ ހާއްސަ ޖަލްސާއަށް ކޮމިޓީގެ ރިޕޯޓު އިއްވަން ވަނީ އެޖެންޑާކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!