ޚަބަރު ރައްޔިތުންގެ މަޖިލިސް

އައްބާސް ޕީޖީ ކަމަށް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގައި އައްބާސް / ފޮޓޯ:މަޖިލިސް

ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ކަމުގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ކަމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

Ads by STELCO

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރަމުން ދަނީ މަޖިލިހުގެ ދައުރުން ބޭރުގަ އެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ.

މަޖިލިހުގެ ތަޅުމުން މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން އެ ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައި ވަނީ އައްބާސް އާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް އާންމުކޮށް އިއުލާނު ކުރުމާ މެދު ގޮތެއް ނިންމުމުގެ މަސައްކަތެވެ. އެގޮތުން ހުޅުވާލި ފުރުސަތު މިއަދުގެ މެންދުރު 12:00 އަށް ވަނީ ހަމަވެފަ އެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ އައްބާސް ހާޒިރުކޮށް އިންޓަވިއު ކުރުމެވެ. ކުރެވުނު އިންޓަވިއުއަށް ފަހު ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު ހުސްނީ މުބާރިކް ވިދާޅުވީ އައްބާސްއަށް 93.1 އިންސައްތަ މާކްސް ލިބިފައިވާ ކަމަށެވެ. އަދި އޭނާ އާ ގުޅޭގޮތުން އާންމުންގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރުމަށް މަޖިލިހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފައި ވަނީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލިހުގެ ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް މާދަމާ ހެނދުނު ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ބެލެވޭ ގޮތުން އެ ޖަލްސާގައި އައްބާސްގެ ނަމަށް ވޯޓަށް އަހައި ގޮތެއް ނިންމާނެ އެވެ.

ޕީޖީގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން މަސައްކަތް ކުރުމުން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ޖަލްސާއެއް ބާއްވައި ވޯޓު ނަގައި ވަނީ ފާސްކޮށްފަ އެވެ.

ގާނޫނުގައި އޮންނަނީ ޕީޖީގެ މަގާމު ހުސްވެއްޖެ ނަމަ، ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަންކުރަން ޖެހޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!