ޕީޖީ ކަމަށް އައްބާސް އަށް ރުހުން ދޭން އެމްޑީޕީން ތާއިދުކޮށްފި
ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ކަމުގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާ އައްބާސް ޝަރީފަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އިތުބާރު އެބައޮތް ކަމަށް ހަނިމާދޫ ދާއިރާގެ އެ ޕާޓީގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ތިން ވަނަ ޖަލްސާގައި ވަނީ ޕީޖީގެ މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އިއްވާފަ އެވެ. ރިޕޯޓު އިއްވާފައި ވަނީ އެ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު ހުސްނީ މުބާރިކެވެ.
ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ ސިޔާސީ ޕާޓީއަކަށް ދީފައި ވަނީ އެންމެ ފުރުސަތެކެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީއަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ގަޕޯ ވިދާޅުވީ ޕީޖީގެ މަގާމަކީ ދިވެހި ދައުލަތުގެ ޕީޖީގެ މަގާމު ކަމަށެވެ. އެހެންނަމަވެސް ހިތާމައަކީ 2009 ވަނަ އަހަރުން ފެށިގެން އެއްވެސް ޕީޖީއަކަށް އެ ބޭފުޅެއްގެ ދައުރު ފުރިހަމަ ކުރެވިފައި ނުވުންކަން ފާހަގަކުރެއްވި އެވެ. މިއީ ސަރުކާރުތަކުގެ މައްސަލައެއް ކަމަށެވެ. މިހާތަނަށް އައްޔަންކުރެވުނު ހުރިހާ ޕީޖީންނަކީ ވެސް ކަމަށް ގާބިލު، ތަޖުރިބާހުރި، އެ ރޮނގުން ތައުލީމާއި ހުނަރު ލިބިފައިވާ ބޭފުޅުން ކަމަށެވެ.
"ސަރުކާރުތަކަށް ވާގޮތަކީ ސަރުކާރެއް އައުމުން އެ ސަރުކާރަކުން ބޭނުންވާހާ ގޮތަށް ކަން ނުކުރީމާ ދެން ގޯސް ވަނީ ޕްރޮސިކިއުޓަ ޖެނެރަލް. މީކީ މިކަން ވާން ޖެހޭނެ ގޮތެއް ނޫން،" ގަޕޯ ވިދާޅުވި އެވެ.
ގަޕޯ ވިދާޅުވި ގޮތުގައި ޕީޖީން އެ މަގާމުގައި ތިއްބަވައިގެން އޭރަކު އޮންނަ ސަރުކާރަށް އުދަނގޫވާނެ ކަމެއް ނުކުރާނެ ކަމަށް ގަބޫލުކުރަން ޖެހޭނެ ކަމުގަ އެވެ. އެ އުސޫލުން ގަބޫލު ކުރެވިގެން ނޫނީ ޕީޖީންނަށް އެ ބޭފުޅުންގެ ޓާމް ފުރިހަމަ ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
ޝަރުއީ ނިޒާމު ފުރިހަމަ ކުރުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ސަރުކާރުތަކުގެ އިތުބާރު ޕީޖީއަށް އޮތުން ކަމަށް ވިދާޅުވި އެވެ. އެ އިތުބާރު މިހާތަނަށް އައި ހުރިހާ ޕީޖީންނަށް ވަނީ ގެއްލިފައި ކަމުގަ އެވެ. ފާހަގަކުރެއްވީ މިއީ ވަކި ސަރުކާރެއްގެ ވާހަކައެއް ނޫން ކަމުގަ އެވެ. އެހެންނަމަވެސް ކަމަކީ ފާހަގަކުރަން ޖެހޭ ކަމެއް ކަމުގަ އެވެ.
ސަރުކާރުގެ އިތުބާރު ޕީޖީގެ މައްޗަށް ނެތިއްޖެ ނަމަ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ނޯންނާނެ ކަމުގައި ގަޕޯ ވިދާޅުވި އެވެ. މިއީ މިހާރުން މިހާރަށް ވިސްނައި ހައްލު ކުރަން ޖެހިފައިވާ ކަމެއް ކަމުގަ އެވެ. އެކަން ރަނގަޅު ކުރެވިގެން ނޫނީ ނިޒާމުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ނުއުފެއްދޭނެ ކަމުގަ އެވެ.
"މިއަދު ވޯޓު ނެގޭ ޕްރޮސިކިއުޓަ ޖެނެރަލާ ދޭތެރޭ އަޅުގަނޑުމެންގެ އިތުބާރު އެބައޮތް. އަޅުގަނޑުމެން އުންމީދުކުރަން ވަކި ފަރާތަކަށް ނުޖެހި އެހެން ޕްރޮސިކިއުޓަ ޖެނެރަލުންނެކޭ އެއްގޮތަށް އެބޭފުޅާ ވެސް އެބޭފުޅާގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމަށް. އެކަމާ ދޭތެރޭ އަޅުގަނޑު ޝައްކެއްނުކުރަން،" ގަޕޯ ވިދާޅުވި އެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރަމުން ދަނީ މަޖިލިހުގެ ދައުރުން ބޭރުގަ އެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި އައްބާސްގެ ނަން އެކަންޏެވެ.
އެންމެ ބޭފުޅެއްތޯ ކުރިމަތިލެއްވީ؟ އަންހެންކަނބަލަކާ އެކު ތިން ފޮޓޯ ފެނުނު. އަނެއް ދެބޭފުޅުންނަށް ވީކިހިނެއްތޯ! ތިމަޤާމުވެސް ހޮވަންވީ ރައްޔިތުންގެ ވޯޓުން.