ފަޔާޒު މަރުވެފައި އޮއްވާ ފެނުނީ ކޮޓަރިން ނުނިކުންނަތާ ދެ ދުވަސް ފަހުން
މ. ނަލަހިޔާ މަންޒިލް ގޭގެ ތިން ވަނަ ފަންގިފިލާގައި މަރުވެފައި އޮއްވާ ރޭ ފެނުނު ދިވެހި ފިރިހެން މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަަމަށާއި އޭނާ ފެނުނީ ކޮޓަރިން ނުނިކުންނަތާ ދެ ދުވަސް ފަހުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ މ. ނަލަހިޔާ މަންޒިލް, އަހުމަދު ފަޔާޒު (57އ) އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި, ފުލުހުންގެ ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ފަޔާޒު މަރުވެފައިވާކަން ފުލުހުންނަށް ހިއްސާކުރީ އާއިލާއިން ކަމަށެވެ.
ޝިފާއު ވިދާޅުވި ގޮތުގައި ފަޔާޒަކީ ކޮޓަރިއެއްގައި އެކަނި ދިރިއުޅެމުން އައި މީހެއް ކަމަށާއި އޭނާ އާންމުކޮށް ކައި އުޅެނީ އެ އިމާރާތުގައި ހުންނަ އޭނާގެ މަންމަގެ އެޕާޓްމެންޓުން ކަމަށެވެ.
ޝިފާއު ވިދާޅުވީ އެންމެ ފަހުން ފަޔާޒު ކާން ގޮސްފައިވަނީ އާދިއްތަ ދުވަހުގެ 9 ޖަހާއިރު އޭނާގެ ދަރިފުޅުގެ އެޕާޓްމަންޓަށް ކަމަށެވެ.
ޝިފާއު ވިދާޅުވީ ހޯމަ ދުވަހުގެ ރޭ 10:23 ހާއިރު ފަޔާޒު ދިރިއުޅޭ ކޮޓަރީގެ ބޭރުގައި ފައިވާނެއް އިން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
"ކާން ނުދާތާ 2 ދުވަސް ވެގެން އާއިލާގެ ފަރާތުން ނިޔާވި ފަރާތް ދިރިއުޅޭ ކޮޓަރީގެ ތަޅު ހަލާކުކޮށްލައިގެން ކޮޓަރީގެ ދޮރު ހުޅުވި އިރު ނިޔާވެފައި އޮއްވާ ފެނިފައިވަނީ"
އެ ގެއަކީ އެކްސެސް ކޮންޓްރޯލް ލޮކް ސިސްޓަމް ހަރުކުރެވިފައިވާ ގެއެއްކަން ފާހަގަކުރަމުން ޝިފާއު ވިދާޅުވީ ހޯމަ ދުވަހުގެ 2:54 ގައި ފަޔާޒު، އެކަނި ކޮޓަރިއަށް ވަންނަ މަންޒަރު ފެނިފައިވާ ކަމަށެވެ.
ޝިފާއު ވިދާޅުވީ އެ މަރާއި ގުޅިގެން ސީސީޓީވީ ހިމެނޭހެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާނެ ކަމަށެވެ.
އެ ގޭގެ ތިންވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި ފަޔާޒް މަރުވެފައި އޮތް ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:33 ގަ އެވެ.
ފުލުހުން ބުނީ އެ މަރާ ގުޅިގެން ތުހުމަތުކުރެވޭ ފަދަ ކަމެއް ވެސް ނެތް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި ބޭރުފުށުން އެއްވެސް އަނިޔާއެއް ނެތް ކަމަށްވެސް މިއަދު ހެނދުނު ފުލުހުން ބުނެފައިވެ އެވެ.