ޚަބަރު ސަރުކާރު

އދ ގައި ރައީސް ތަގުރީރު ކުރައްވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ރައީސް ތަގުރީރު ކުރައްވާނެ / ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަން ނިންމަވައިފި އެވެ.

Ads by MWSC

އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެ ވަޑައިގަތުމަށް ނިންމަވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ.

މިއީ ރައީސް އދ. ގެ އާންމު މަޖިލިހުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ރައީސް ތަގުރީރު ކުރައްވާނެ އެވެ. އަދި އދ. ގެ ސަލާމަތީ މަޖިލިހުގެ ހާއްސަ އޯޕެން ޑިބޭޓެއްގައި ރައީސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި އދ. ގެ ސަލާމަތީ މަޖިލިހުގެ ބަހުސެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށެވެ.

މީގެ އިތުރުން އދ. ގެ އާންމު މަޖިލިހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާ މުހާތަބުކުރައްވާ ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

Ads by Allied Insurance