ޚަބަރު ސަރުކާރު

އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށި ފުރަތަމަ ރަށަކަށް ގއ. ވިލިނގިލި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހޯމްލޭންޑް މިނިސްޓަރު އިހުސާން: ވިލިނގިލީގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ވަނީ ފަށާފައި / ފޮޓޯ:ޑީއެންއާރު

މާލެ ފިޔަވައި ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށި ފުރަތަމަ ރަށަކަށް ގއ. ވިލިނގިލި ވެއްޖެ އެވެ.

Ads by STELCO

އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ވިލިނގިލީގައި ފެށީ ބުރާސްފަތި ދުވަހު އެވެ. މިއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ހިދުމަތް ދެމުން އައީ ހަމައެކަނި ވެލާނާގެ ބިލްޑިންގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ އޮފީހުގަ އެވެ.

ވިލިނގިލީގައި ހިދުމަތް ފެށުމުގެ ގޮތުން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނާއި ޑީއެންއާރު ހިންގެވުމާ ހަވާލުވެ ހުންނެވި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އާލީ ބައިވެރިވެ ވަޑައިގެންނެވި އެވެ.އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުމަށް ޑީއެންއާރުން ގއ. އަތޮޅު ކައުންސިލާ އެކު ފަހުމާނާއެއްގައި މިދިޔަ ޖުލައި މަހު ސޮއިކުރި އެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު އެއްކޮށް، އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ބަދަލުކުރީ 1993 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމުކޮށްފައިވާއިރު، ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ވަނަ އަހަރު އެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކުރެވި، އަމިއްލައަށް ކާޑަށް ހުށަހެޅޭ ގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އަދި ކާޑު ޕްރިންޓް ކުރުމަށް ފަހު، ޑީއެންއާރުން އެމީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވަ އެވެ.

އުމުރުން 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ އައިޑީ ކާޑުގެ މުއްދަަތަކީ ފަސް އަހަރެވެ. އަދި 40 އަހަރުން މަތީގެ މީހުންގެ ކާޑުގެ މުއްދަތަކީ 10 އަހަރެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީ ކާޑުގެ މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް ޑީއެންއާރުން އަންނަނީ ކުރަމުންނެވެ.

Ads by Allied Insurance