ޚަބަރު ސަރުކާރު

ލަންކާގެ އިންތިހާބީ ރައީސް އަރޫނާއަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ލަންކާގެ އިންތިހާބީ ރައީސް އަރޫނާ--

ސްރީލަންކާގެ އިންތިހާބީ ރައީސް އަރޫނާ ކުމާރާ ދިސަނަޔެކައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައި ވަނީ މީހުން ހީވެސް ނުކުރާފަދަ ސިޔާސީ މަސްރަހުގައި ކުރިން ވަރަށް ކުޑަކުޑަަ ސަޕޯޓެއް ކުޑަކުޑަ ޕާޓީއެއްގެ ކެނޑިޑޭޓް އަރޫނާ އެވެ.

އަރޫނާ ނިސްބަތްވާ ލަންކާގެ ސްރީލަންކާގެ ނެޝަނަލް ޕީޕަލްސް ޕާޓީއަކީ އެ ގައުމުގެ ޕާލަމަންޓްގައި ވެސް ހިއްސާކުރަނީ އެންމެ ތިން ގޮނޑި އެވެ.

އެހެން ނަމަވެސް އަރޫނާ ވަނީ 5.6 މިލިއަން ވޯޓާއެކު ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ.

އަރޫނާއަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ އަރޫނާގެ ރައީސް ކަމުގައި އިތުރު ފާގަތި ކަމަށް އެދޭ ކަމަށެވެ.

ހަމަ އެހެންމެ އަރޫނާގެ ޒައާމަތުގައި ރާއްޖެއާއި ލަންކާގެ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަރޫނާގެ ކާމިޔާބީއާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެކްސްގައި އެމަނިކުފާނަށް މަރުހަބާ ވިދާޅުވި އެވެ. އަދި އަރޫނާގެ ޒައާމަތުގައި ލަންކާއަށް ފާގަތި ކަމާއި ކުރިއެރުމާއި އިތުރު ތަރައްގީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

Ads by HDC