ސްކޫލުތަކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ހިންގައިދޭނެ ބަޔަކު ހޯދަނީ

ސްކޫލުތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން، ޕްރޮގްރާމްތަކެއް ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވަނީ ޔުނިސެފް ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ.
އެކަމަށް ޝައުގުވެރިވެގެން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތައުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު ގެޒެޓްގައިވާ އިއުލާނާގެ "ޓާމްސް އޮފް ރިފަރެންސް" ބައިގައި ހިމަނާފައިވާނެ ކަމަށް އިއުލާން ގައި ބުންޏެވެ.
އެ ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ. އަދި އެކަމަށް ހުޅުވާލާފައިވަނީ ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން، ބީލަމަށް ހުޅުވާލައިގެން ކަމަށް އިއުލާން ގައިވެ އެވެ.
ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ 10:30 އެވެ. އަދި އެކަމާ ބެހޭގޮތުން ސުވާލު ކުރުމަށް ހުޅުވާލާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ 14:00 ގައި ކަމަށް އިއުލާނުގައިވެ އެވެ.