ޚަބަރު އިޖުތިމާޢީ

މާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ކުރާ މަސައްކަތްތައް ޑިޖިޓަލްކޮށް ފެންނަ ގޮތް ހަދަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހަލާކުވެފައިވާ މަގެއް މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލުން ކުރަނީ / ފޮޓޯ:މާލެ ސިޓީ ކައުންސިލް

މާލޭގެ މަގުތަކުގައި ހުރި މައްސަލަތަކާއި ގަވާއިދާ ހިލާފަށް ކުރާ މަސައްކަތްތައް ޑިޖިޓަލްކޮށް ފެންނާނެ ގޮތް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

Ads by STELCO

19 ދާއިރާއަކަށް ބަހާލައިގެން މާލެ ސިޓީގެ މަގުތަކުގެ ހާލަތު ދެނެގަނެ، ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމަށް ސާވޭއެއް ފަށާފައި ވަނީ އާދިއްތަ ދުވަހު އެވެ.

ސިޓީ ކައުންސިލުން ބުނީ ސާވޭގެ މަސައްކަތް ނިމޭއިރު، މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޑިޖިޓަލްކޮށް ފެންނާނެ ކަމަށެވެ. އެގޮތުން ހަލާކުވެފައި ހުރި މަގުތަކާއި ކާނުތަކާއި ދުވާރުތަކާ އަދި އިމާރާތް ކުރުމުގެ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ތަންތަން ވެސް ޑިޖިޓަލްކޮށް ފެންނާނެ ކަމަށެވެ.

އެ މަސައްކަތުގެ ތެރޭގައި މާލޭގެ ސްކޫލުތަކުގެ ކައިރީގައި ހުރި ކާނުތައް ސާފުކުރުމާއި ހަލާކުވެފައި ހުރި މަގުތަކާއި ދުވާރުތަކާ އަދި ކާނުތައް މަރާމާތު ކުރުން ހިމެނެ އެވެ. އެކަމުގެ ސަބަބުން މަގުތަކުގައި ހިނގައި އުޅޭ މީހުންނާއި ދުއްވާ އުޅަނދުތަކަށް މިހާރު ކުރިމަތިވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ސާވޭ ނިމި، ޑިޖިޓަލްކޮށް މާލޭގެ މަގުތަކުގެ ހާލަތު ބެލޭނެ ނިޒާމު ގާއިމުވުމުން، މަގުތަކުގެ ހާލަތު ފަސޭހަކަމާ އެކު ދެނެގަނެވި، ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެ މަސައްކަތުގައި ސިޓީ ކައުންސިލުގެ ކައުންސިލަރުން ދަނީ އަމަލީ ގޮތުން ކައުންސިލުގެ މުވައްޒަފުންނާއި އެކު ހަރަކާތްތެރިވަމުންނެވެ.

Ads by Ooredoo