ޚަބަރު ސިޔާސީ

އދ. އަށް ތަގުރީރު ކުރަން ދިއުމަށް ވުރެ އިސްކުރީ ހައްޖުގެ އަޅުކަން: ޔާމީން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ / ފޮޓޯ:ދެން އިމޭޖްސް

އދ. އާންމު މަޖިލިހުގައި ތަގުރީރު ކުރައްވަން ވަޑައިގެންނެވުމަށް ވުރެ އިސްކުރެއްވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އާންމު މަޖިލިހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ޕީއެންއެފުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅުވައި ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު މިފަހުން ވިދާޅުވެފައި ވަނީ ޔާމީނުގެ ވެރިކަމުގައި އެންމެ ފަހަރަކު ވެސް އދ. އަށް ތަގުރީރު ކުރައްވަން އެމަނިކުފާނު ވަޑައިނުގަންނަވާ ކަމަށެވެ.

"ރައީސް ޔާމީން އދ. އަށް ވަޑައިނުގެންނެވީ މީހަކު ހިފަހައްޓައިގެނެއް ނޫނޭ، ކަންނެތްކަމުން،" ޝުޖާއު ވިދާޅުވެފައިވެ އެވެ.

ވިދާޅުވެފައިވާ ގޮތުގައި ރައީސް ތަގުރީރު ކުރައްވާތީ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް އދ. އަށް ވަޑައިގެންނެވި ހިސާބުން ޔާމީންގެ ލޮލަށް ނިދި ނާންނަ ކަމުގަ އެވެ.

އެ ވާހަކައަށް ރައްދުދެއްވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ވެސް އދ. އަށް ދިއުމަށް ބޭނުންވެ ވަޑައިނުގަންނަވަނީ ނޫން ކަމަށެވެ. އދ. ގައި ތަގުރީރު ކުރުމާ މެދު މައްސަލައެއް އޮތީކީން ނޫން ކަމަށެވެ. އޭރު ކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ހަނދާނުގައި މިހާރު އެ ކަންކަން ނެތީ ކަމަށެވެ.

"އަޅުގަނޑުގެ ރައީސްކަމުގެ ފުރަތަމަ ދައުރު އދ. އަށް ދާން ދިމާވިއިރު، އަޅުގަނޑުގެ އަމިއްލަ ނިންމުމެއް އެ އޮތީ ރައީސްކަން ލިބުމުގެ ކުރިން ވެސް އެންމެ ފުރަތަމަ ހައްޖު އަޅުގަނޑުވާނެ ކަމަށް. މި ދެ ކަންތަކުން އަޅުގަނޑަށް އިސްކުރެވުނީ ފަރުޟު ހައްޖު،" ޔާމީން ވިދާޅުވި އެވެ.

ވިދާޅުވި ގޮތުގައި އދ. އާންމު މަޖިލިސް އެފަހަރު ހިނގީ ހައްޖު ދުވަސްވަރު ކަމުގަ އެވެ. ވެރިކަމުގެ ދެ ވަނަ އަހަރު، 2015 އަހަރު އދ. އަށް ދިއުމުގެ ކުރިން ދިމާވީ ބޮމުގެ ހާދިސާ އާ ކަމުގަ އެވެ. އެ ހިސާބުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ ގައުމުގެ ހަމަޔަކަށް އެޅުވުމަށް ކަމުގަ އެވެ.

"ރާއްޖެ ހަމައަކަށް އެޅުވުން އަޅުގަނޑަށް މުހިންމު އދ. އަށް ގޮއްސައި އަޅުގަނޑުގެ އަމިއްލަ އަޑު މައިކުން އެހުމަށް ވުރެ. އަޅުގަނޑަށް މާ މުހިންމު އެކަން،" ޔާމީން ވިދާޅުވި އެވެ.

އެފަހުން ދެން ދިޔައީ އެކި ކަހަލަ "ދަތި" އެޅުވުންތަކުގެ ތެރެއިން ކަމަށް ސިފަކުރެއްވި އެވެ. އެގޮތުން ފުލުހުންގެ ތެރޭގައްޔާއި ކޯޓު ތެރެއިން ގޮސް އެންމެ މަތީ ކޯޓާ ހަމައިން ވެސް ބަގާވާތް ހިނގި ކަމަށެވެ. ޔާމީން ވިދާޅުވީ އަދުގެ ސަރުކާރަށް ދިމާވެގެން އުޅެނީ ބޭންކުގެ ބަގާވާތާ އެކަނި ކަމަށެވެ.

ޔާމީން ވިދާޅުވީ ގައުމެއްގެ ރައީސަކު އދ. އަށް ކުރާ ދަތުރަކީ ހަރަދު ބޮޑު ބިޔަ ދަތުރެއް ކަމަށެވެ. އެފަދަ ދަތުރަކުންކުރާ ފައިދާ އާ މެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި އެތަނުގައި ވާހަކައެއް ދެއްކި ނަމަވެސް އެ އަޑުއަހައިގެން ގައުމެއްގެ ރައީސަކު ކަމެއް ވެސް ކޮށްނުދޭނެ ކަމަށެވެ.

ޔާމީންގެ ވެރިކަމުގެ ދައުރުގައި އދ. ގައި ތަގުރީރު ކުރައްވާފައި ވަނީ އެކަމަށް ކަނޑައަޅުއްވާ ފޮނުއްވެވި މަންދޫބުންނެވެ.

Ads by HDC