ޑީޖޭ ހަމްބެގެ ދަތުރު ޓިކްޓޮކް ލައިވް ބަޓަންއަށް
ކުޑައިރުއްސުރެއް މިޔުޒިކަށް ލޯބި ކުރާ އަލީ ހަމްދޫން، މިހާރު އެންމެން ދަންނަ ނަމުންނަމަ ޑީޖޭ ހަމްބެ އަކީ ރާއްޖޭގެ ޓިކްޓޮކްގައި އެންމެ ބޮޑު އޯޑިއެންސްއެއް އޮންނަ އެއް ތަރި އެވެ. ހަމްބެއަކީ ޓިކްޓޮކްގައި ގޭމިންގައި ފާހަގަކޮށްލެވޭ މީހެކެވެ. އެހެންނަމަވެސް އޭނާ ވަނީ ބައެއް ފަންޑް ރައިޒިން ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފަ އެވެ.
ޓިކްޓޮކުން މަގުބޫލުކަން ހޯދުމުގެ ކުރިން ހަމްބެ އެހެން ބައެއް ދާއިރާތަކުގައިވެސް ހަރަކާތްތެރިވި އެވެ. އެންމެ ފުރަތަމަ ބޮޑުބެރުން އޭގެ ފަހުން ޑީޖޭއެއްގެ ގޮތުގައި ހަމްބެ ބައެއް މީހުން ދަނެ އެވެ. މި ދިގު ދަތުރު ހަމްބެ ހިއްސާ ކުރި އެވެ.
ކުޑައިރު ވަންނަން ބޭނުންވީ ޕޮލިހަށް
ސްކޫލުގައި އުޅުނު ދުވަސްވަރު މިޔުޒިކަށް ލޯބި ކުރިޔަސް އެދާއިރާ ޕްރޮފެޝަންއެއްގެ ގޮތުގައި ދެކިގެން ކުރިއަށް ދާކަށް ހަމްބެގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އޭރު ބޭނުންވީ ޕޮލިހަކަށް ވާށެވެ. އެހެންނަމަވެސް އޭރުވެސް ސަގާފަތަށް ހަމްބެގެ ހާއްސަ ޝައުގުވެރިކަމެއް އިނދެ އެވެ. ބޮޑުބެރުގެ ތެރެއަށް ވަދެވުނީ އެހެންވެގެންނެވެ.
"ބޮޑުބެރަށް ވަންއިރު ނޭނގޭނެ ހަމަ އެއްވެސް އެއްޗެއް. ފަހަތުގަ ހުރެގެން އަތް ޖަހާލަންވެސް ނޭނގޭނެ."
އެހެންނަމަވެސް ޝައުގުވެރިކަމާއިއެކު ހުރިހާ ކަމެއްވެސް ދަސްކުރީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އަދި އެކަމުން ހިތްހަމަޖެހުން ލިބޭތީ އެވެ. ސަކަރާތުގެ ތެރެއިން ފެށި މިމަސައްކަތުގެ ތެރެއިން ދެ ބޮޑުބެރު ގްރޫޕެއްގައި ހަމްބެ މަސައްކަތް ކުރި އެވެ. ބިދަބިން ގްރޫޕާއި ހަބޭސް ކްރޫޕާއެކުވެސް ހަމްބެ އުޅުނެވެ.
ބޮޑުބެރުގެ ތެރެއިން ފަހުން ނިކުތީ ވިޔަފާރިއެއްގެ ގޮތުގައި މިކަން ފުޅާވެ ގްރޫޕުގައި އުޅޭ ކުދިންނަށް އޭގެ ފައިދާއެއް ނުލިބޭތީ އެވެ. ހަމްބެ ބުނި ގޮތުގައި ބޮޑުބެރު ގްރޫޕުތައް ހިންގަން އޭރު އުޅުނު މީހުން އަމިއްލައަށް މުއްސަނދިވާން މިސްރާބު ހުރިހެން ހީވުމުން އެކަމާއި ދުރުވާން ނިންމީ އެވެ.
ޓިކްޓޮކަށް ވަދެވުނީ ފޫހި ފިލުވަން ކުރި މަސައްކަތެއްގެ ތެރެއިން
ޓިކްޓޮކްގެ ތެރެއަށް ވަދެވުނު ގޮތްވެސް ހަމްބެ ކިޔައިދިނެވެ. އެއީ މީގެ ހަތަރު އަހަރު ކުރިން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. އޭރު ލޮކްޑައުންގައި ރާއްޖެ އޮތް ދުވަސްވަރު ފޫހިވެގެން އިހުގެ ދިވެހި ލަވަތަކުގެ ޑީޖޭ މިކްސް ހަދާފައި ހަމްބެ ޓިކްޓޮކަށް ޕޯސްޓު ކުރަން ފެށި އެވެ. އެއަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނެވެ.
"ދެން މީގެ ދޮޅު އަހަރެއްވަރު ކުރިން ޓިކްޓޮކްގަ ލައިވް ފީޗާ އިންކަން އެނގުނީ. ދެން އޭރުގަ ވަރަށް ލަދު ގަންނާނެ ކެމެރާ ކުރިމައްޗަށް އަރަންވެސް"
ހަމްބެ ކިޔައިދިން ގޮތުގައި ފުރަތަމަ އެހާ ގިނައިން ވާހަކައެއް ނުދައްކަ އެވެ. އޭރު ލަވަ ކިޔާ ކުދިން އަރުވައިގެން ލަވަކިޔުން ނޫނީ ޑީޖޭ ސެޝަންއެއް ކުރިއަށް ގެންދަނީ އެވެ. މަޑުމަޑުން ވިއުވާޒްއާ ވާހަކަ ދައްކަން ފެށީ އެވެ.
ގޭމިންގެ ތެރެއަށް ވަނީ އޭގެ ފަހުންނެވެ. ޑީޖޭ ހަމްބެގެ ގޮތުގައި ނުވަތަ ހަބޭސް ހަމްބެގެ ގޮތުގައި ނޭނގޭ މީހުންނަށްވެސް ޓިކްޓޮކްގައި ލައިވް ވާން ފެށި ހިސާބުން އެނގެން ފެށި އެވެ.
ހަމްބެއާ އަންހެނުންގެ ވައިރަލް ވީޑިއޯތަކުގެ ވާހަކަ
ހަމްބެގެ ޓިކްޓޮކް ތާރީހަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ އިނގިރޭސި ބަހާއި އޭގެ ތަރުޖަމާ ކިޔައިދޭ ވީޑިއޯތަކެވެ. ހަމްބެއާއި އޭނާގެ އަންހެނުން ކޭޓް މީގެ ގިނަ ވީޑީއޯތަކެއް ހެދި އެވެ. އެވީޑިއޯތައް ވަރަށް ވައިރަލްވި އެވެ.
"އެއީ އަސްލުގަ އޭނައަށް ދިވެހި ދަސްކޮށްދޭންވެގެން ޖެހި މަޅިއެއް"
ހިނިތުންވެ އިނދެ ހަމްބެ ބުނީ ކޭޓް އަކީ އަބަދުވެސް ސޯޝަލް މީޑިއާއަށް ޝައުގުވެރިވާ މީހެއްކަމުން އޭނާއަށް ދިވެހި ދަސްކޮށްދޭން މިކަހަލަ ވީޑިއޯތަކެއް ހެދީ ކަމަށެވެ. މިވީޑިއޯތަކަށް ތަރުހީބު ލިބުނު ނަމަވެސް ވަކި ހިސާބަކުން އެކަން ހުއްޓުނީ ހަމްބެއަށް ވަގުތު ނުދެވިގެންނެވެ.
ޓިކްޓޮކާއިމެދު ކުރާ އުއްމީދު ބޮޑު
ހަމްބެ މިހާރު އެންމެ ވަގުތު ދީގެން ކުރާ ކަމަކީ ޓިކްޓޮކް ގޭމިން އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި ޓިކްޓޮކް ޕްލެޓްފޯމު ކުރިއަރުވަން ވަރަށް ގިނަ މަސައްކަތް ކުރެވިދާނެ އެވެ. ޑޮލަރު ލިމިޓު ފަދަ ހުރަސްތަކާއި އެކުވެސް ހަމްބެގެ އުއްމީދަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހި ޓިކްޓޮކް ތަރިންނަށް ބޮޑެތި ހޮސްޓުންނާއި ވާދަކޮށްލެވޭނެ ދުވަހެއް ދެކުމެވެ.
"އުއްމީދަކީ ބޭރުގެ ހޮސްޓުން ކައިރީގަ ގަދަވެފަ މިއީ ދިވެހިރާއްޖެއިން ނިކުންނަ ހޮސްޓެކޭ، ދިވެހިރާއްޖެއިން މީހަކު ބަލިކުރާކަށް ނުކެރޭނެއޭ. އެލެވެލްގަ ހުންނަން ބޭނުންވަނީ"
ހަމްބެ ބުނީ ޓިކްޓޮކުން ޑައިރެކްޓުކޮށް ފައިސާ ލިބޭ ގޮތް ހަދަން ސަރުކާރުން މަސައްކަތް ކުރިނަމަވެސް ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓު ކުރާ މީހުން ވިސްނަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ދިވެހިންނަކީ ވަރަށް ޓެލެންޓެޑް ބަޔަކަށް ވެފައި އެ ޓެލެންޓުގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވިއްޖެނަމަ ޓިކްޓޮކް ކޮމިޔުނިޓީ ހަލާކުވެދާނެތީ އެވެ.
ކައިވެނަިގެ ބޭރުން ދަރިން ހޯދައި ހިލޭއަންހެނުން ާއި އެކީ ކައިބޮއި ނިދާ ދިރިއުޅުމަކީ ރަނގަޅު ކަމެއް ކަމަށް ބުނެ އެކަން ކުރާ މީހާ ޕްރޮމޯޓް ނުކޮއްބަލަ
އޭނަ އުޅެނީ މެރީ ކޮއްގެން ލޮލް