ލޯކަލް ޓޫރިޒަމަށް އޮތް ގޮންޖެހުމަކީ ލޯ އިންޓްރެސްޓްގައި ލޯނު ލިބޭނެ ގޮތް ނެތުން: ފައިސަލް
ދިވެހިރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތަށް އިންވެސްޓް ކުރަން ލޯ އިންޓްރެސްޓް ރޭޓުގައި ލޯނު ލިބޭނެ ގޮތްތައް ނެތުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ފުވައްމުލައް ސިޓީގައި ފަތުރުވެރިކަން ފެށިތާ 10 އަަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ދިހަ މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ފަރާތްތަކަށް ފަންޑު ލިބުމުގައި ހުރި ދަތިކަން ކަމަށެެވެ.
ފަތުރުވެރިކަން ތަރައްގީވެފައިވާ ސަރަހައްދުތަކުގަ އާއި އެ ނޫން ސަރަހައްދުތަކުން ވެސް އެންމެ ބޮޑަށް ފާހަަގަ ކުރެވުނު ކަމަކީ އެއީ ކަމަށެވެ.
"ދިވެހިރާއްޖޭގެ ބޭންކުތަކުގެ އިންޓްރެސްޓް ރޭޓް މިހާރު ހުރި ރޭޓްތަކަށް ބަލާއިރު، މީކީ ނަގައިގެން ހާއްސަކޮށް ފުރަމާލެ އާ ދުރުގައި ހުރި އަތޮޅުތަކުގައި އެކަން ކުރުމަށް ވަރަށް ބޮޑު ޗެލެންޖެސްތަކެއް އެބަހުރި،" ފައިސަލް ވިދާޅުވި އެވެ.
އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް (އެމްއައިބީ) އާއެކު ކުރަމުން އަންނަ ކަމަށެެވެ.
އަދި ވޯލްޑް ބޭންކްގެ އައިއެފްސީ އާއެކު ބޭއްވުނު ރަސްމީ ބައްދަލުވުމެއްގައި ވެސް ކަމާ ގުޅޭގޮތުން ވާހަކަ ދެކެވިފައިވާ ކަމަށެވެ.
"ޓޫރިޒަމް ޑިވެލޮޕްމަންޓް ފަންޑެއް ރަނގަޅު ލޯ އިންޓްރެސްޓް ރޭޓެއްގައި ހޯދައި، އެ ޕްރޮޑަކްޓް ވީހާވެސް އަވަހަކަށް މި އުންމީދު ކުރެވެނީ މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނުވަތަ ދެ ވަނަ ކުއާޓަރު ތެރޭގައި މިކަން އަޅުގަނޑުމެންނަށް ކުރެވިގެންދާނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.
މި ފުރުސަތު ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ދިވެހި ޒުވާނުންގެ ކިބައިން އެދިވަޑައިގެން މިނިސްޓަރު ވިދާޅުވި ގޮތުގައި ހުވަދޫ އަތޮޅާއި ފުވައްމުލައް އަދި އައްޑޫގެ ފަތުުރުވެރިކަން އެދޭ ހިސާބަށް ގެންދެވޭނީ އޭރުން ކަމުގަ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ކުރެވެން ހުރި މަސައްކަތް ބަލަމުން އަންނަކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ލޯކަލް ޓޫރިޒަމަށް ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީގައި ވަކި ޑިޕާޓްމެންޓެއް ގާއިމުކުރާނެ ކަމަށެވެ.
އެކަމުގެ ސަބަބުން މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތައް އަވަސް ކުރެވި، ލޯކަލް ޓޫރިޒަމަށް ދެވޭ ސަމާލުކަން އިތުރުކުރެވޭނެ ކަަމަށެވެ.
އަދި އެއީ މިކަމުގައި ކާމިޔާބީ އާ ހަމައަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަމަށް ވެސް ފައިސަލްގެ ވާހަކައިގައި ވިދާޅުވި އެވެ.