ޚަބަރު ސަރުކާރު

ސަރުކާރުގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނީ ކައުންސިލުތަކާ ގުޅިގެން: ލުބުނާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމިޓީ އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ތިނަދޫ ސިޓީ ކައުންސިލް

އެންމެ ފުރިހަމަ ގޮތުގައި ސަރުކާރުގެ ވަސީލަތްތަކުގެ ބޭނުން ކުރެވޭނީ މިނިސްޓްރީތަކާއި ކައުންސިލުތަކާ ގުޅިގެން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ލުބުނާ މިހެން ވިދާޅުވެފައި ވަނީ ރަށްރަށުގައި ކުށް މަދުކުރުމަށް ހިންގާ "ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމިޓީ" އިފުތިތާހު ކުރުމަށް ތިނަދޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓްރީން ވަނީ ގދ. އަތޮޅުގައި ހިމެނޭ އަށް ރަށު ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާ އެކު ކުށްމަދު ކުރުމާ ބެހޭ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

މި އެމްއޯޔޫތަކުގެ މަގުސަދަކީ ކުށް މަދުކުރުމަށް ކުރަން ޖެހޭ މަސައްކަތް ދެނެގަތުމާއި ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާ ގުޅޭގޮތުން ހޯމްލޭންޑް މިނިސްޓްރީއަށް ލަފާ ދިނުމެވެ. އަދި ރަށުގެ ކުށް މަދުކުރުމަށް އެ ރަށެއްގެ މާހައުލުގައި ހިމެނޭ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށް ކޮމެޓީތަކެއް އެކުލަވާލުމެވެ. މި ކޮމެޓީތައް ހޯމްލޭންޑް މިނިސްޓްރީ އާއެކު މަސައްކަތް ކުރަމުންދާއިރު، ކޮމެޓީތަކުގެ މަސައްކަތް ވިލަރެސް ކުރާނީ ކައުންސިލުތަކުގެ ބެލުމުގެ ދަށުންނެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ މިއީ ކުށް މަދުކުރުމަށް ރަށު ރައްޔިތުން އެކުލެވޭހެން އެއްބަސްވުންތަކެއްގެ ދަށުން މަސައްކަތް ކުރެވޭ ފުރަތަމަ ފަހަރު ކަމަށެވެ. ހުވަދު އަތޮޅު ދެކުނުބުރީގައި މި މަސައްކަތް ފެށުނު ނަމަވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކައުންސިލަކާ އެކު އެއްބަސްވުންތަކެއް ހަދައި ކޮމެޓީތައް ގާއިމުކުރުން ކަމަށެވެ.

މި އެއްބަސްވުންތަކާ އެކު، އެ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާއެއްގެ ހިދުމަތްތައް ރަށްރަށުގައި ދިނުމަށް ކައުންސިލުތަކުގެ ގާބިލިއްޔަތުކަން ހުރި މިންވަރަކުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލު ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެ އެވެ.

"ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމިޓީ" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލުބުނާ ވިދާޅުވީ ސަރުކާރުގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ކައުންސިލުތަކާއި މިނިސްޓްރީތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް [ރައްޔިތުންނާ] އެކުގައި މަސައްކަތް ކުރެވޭނީ ކައުންސިލް ކަހަލަ އިދާރާއަކާއި އަޅުގަނޑުމެންނާ ގުޅިގެން. އެނގިވަޑައިގަންނަވާނެ ސަރުކާރުގައި ވަރަށް ބައިވަރު ރިސޯސަސް ހުރޭ. އެ ރިސޯސަސް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނީ ކައުންސިލްއަކާއި ވުޒާރާއަކާ ގުޅިގެން ތަންފީޒު ކުރަން މަސައްކަތް ކުރުމުން ކަމަށް އަޅުގަނޑުމެންނަށް މިއަދު ގަބޫލު ކުރެވޭ،" - ލުބުނާ

މި ރަސްމިއްޔާތުގައި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވަނީ މިފަދަ މަސައްކަތެއް ފެށުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަށް ގުޅުންހުރި ހުރިހާ އިދާރާއަކުން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސިޓީއަކީ ހުވަދު އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ހިދުމަތް ހޯދަން އަންނަ ތަނަކަށްވާއިރު، ވަސީލަތްތައް ގާއިމުވެ ފުރިހަމަ ކޮށްދިނުމަށް މޭޔަރު ވަނީ އެދިވަޑައިގެންފަ އެވެ.

ގދ. އަތޮޅަށް ނިސްބަތްވާ ހުރިހާ ކައުންސިލަކުން ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

Ads by Ooredoo