ޚަބަރު ސިޔާސީ

ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން ރައީސް ސާބިތުކޮށްދެއްވައިފި: ގާސިމް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް، ގާސިމް އާއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް

ރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސާބިތުކަމާ އެކު ދައްކުވައިދެއްވާފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައީސް ވަނީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގަ އާއި އދ. ގެ ސަލާމަތީ މަޖިލިހުގައި ވެސް ތަގުރީރު ކުރައްވާފަ އެވެ. އަދި ޕްރިންސްޓަން ޔުނިވާސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒްގައި ވާހަކަ ދެއްކެވި އެވެ. އޭގެ އިތުރުން އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދެވި އެވެ.

ދަތުރުފުޅަށް ފަހު މިއަދު އެނބުރި ގައުމަށް ވަޑައިގެންނެވުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ޖިއޮގްރަފީ ގޮތުން ކިތަންމެ ކުޑަ ނަމަވެސް، އެ މަޖިލިހުގެ ސެޝަންތަކުގައި މީގެކުރިން ވެސް ރާއްޖޭގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ. ރާއްޖެ ތަމްސީލު ކުރައްވާ ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާ އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން މުނާސަބު ގޮތެއްގައި އަޑުއުފުއްލަވާފައިވާ ކަމަށެވެ.

މީގެ 59 އަހަރު ކުރިން ދިވެހި ދިދަ އދ. ގެ އިދާރާގައި ވިހުރެން ފެށިފަހުން، ރާއްޖޭގެ ވެރިޔަކު އދ. ގައި ގައުމު ތަމްސީލު ކޮށްދެއްވީ ނުހަނު ވިސްނުންތެރިކަމާ އެކު ވަރަށް ފުރިހަމަ އަދި މުނާސަބުކޮށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މި ލޮބުވެތި ގައުމަކީ ފަހުރުވެރި، ކެރޭ، ހަރުދަނާ، ދުރު ވިސްނޭ، އިލްމާއި ހުނަރު ލިބިފައިވާ، ތަރައްގީއަށް އުންމީދު ކުރާ ތަސައްވަރެއް އޮތް އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން، ރައީސް ޑރ. މުއިއްޒު އެ ވަނީ ވަރަށް ސާބިތުކަމާ އެކު ދައްކުވައިދެއްވާފަ އެވެ،" ގާސިމްގެ ޕޯސްޓުގައިވެ އެވެ.

ރައީސް އދ. އާންމު މަޖިލިހުގައި ދެއްވި ފުރިހަމަ ތަގުރީރާ އަދި ބައްދަލުވުމުގެ ހަވާސާގައި ރައީސް ދެއްކެވި ވާހަކަފުޅުތަކާއި ތަގުރީރުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ދުނިޔެ އާރާސްތު ކުރުމުގައި އިއާދަކުރަނިވި ހަކަތަ އިތުރު ކުރުމަށް ކަމަށެވެ. އިޖުތިމާއީ އަދި އިގުތިސޯދީ ގޮންޖެހުންތަކުގެ އިތުރުން މަސްނޫއީ އިންޓެލިޖެންސްގެ ތެރެއިން ޑިޖިޓަލައިޒްކުރުން ފަދަ މައުލޫއުތަކަށް ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް ދިވެހި ގައުމުގެ ވިންދާ ގުޅިފައިވާ ފަލަސްތީނުގެ މައްސަލައިގައި ސިހްޔޫނީ ދައުލަތުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރައްވާ ދެއްކެވި ވާހަކަފުޅު މުޅި އިސްލާމީ ދުނިޔެ އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފައި ވަނީ ނުހަނު މަތީ ތަރުހީބަކާ އެކުގައިކަން ގާސިމް ފާހަގަކުރެއްވި އެވެ.

"އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ބައްދަލުވުމުގައި، ރައީސް ދެއްވި ތަގުރީރު ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔަ އެވެ. ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކަށް، ހާއްސަކޮށް ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގެން ނަމަވެސް އދ. ގައި ރާއްޖެ ތަމްސީލު ކޮށްލަން ކެރިވަޑައިނުގަތް ބޭފުޅަކަށް، ރައީސް މުއިއްޒުގެ ތަގުރީރު އޮޅުން ފިލާވަޑައިނުގަތް ނަމަވެސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީގައި އެމަނިކުފާނުގެ ތަގުރީރު އެ ވަނީ ހިމެނިފަ އެވެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އދ. ގެ ސަލާމަތީ މަޖިލިހުގެ ތަޅުމުގައި ތަގުރީރު ކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސްއަކީ މުއިއްޒު ކަމަށް ތާރީހުގައި ވަނީ ލިޔެވިފައި ކަމުގަ އެވެ.

އދ. ގެ 78 ވަނަ އާންމު ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއާއެއްގެ ހައިސިއްޔަތުން ރައީސް އިސްދައުރެއް އަދާކުރައްވާފައިވާކަން ގާސިމް ފާހަގަކުރެއްވި އެވެ.

Ads by Ooredoo