ޚަބަރު އިޖުތިމާޢީ ސަރުކާރު

ގަވައިދާ ހިލާފު ބިދޭސީންނަށް ވަޒީފާ ދޭ 92 ދިވެހިންނަށް ނަސޭހަތް ދީފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީންލައްވާ މަސައްކަތް ކުރުވާ ނުވަތަ އެ މީހުންނަށް ވަޒީފާ ދޭ 92 ފަރާތަކަށް މޯލްޑިވްސް އިމިގްރޭޝަނުން ނަސޭހަތްދީފި އެވެ.

Ads by Hajj Corporation

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިމިގްރޭޝަން އިން ފަށާފައިވާ މާސް އިންސްޕެކްޝަންގެ މަސައްކަތުގެ ތެރެއިން އިއްޔެ ހުޅުމާލޭ ފޭސް 1 އަދި 2 ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވުނު މީހުންނަށް ލިޔުމުން ނަސޭހަތް ދީފައިވާއިރު، އެކަމަށް އެމީހުން އަމަލު ނުކޮށްފިނަމަ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

އިއްޔެ ހަވީރު އިމިގްރޭޝަންގެ 200 އޮފިސަރުން 8 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ހާއްސަ އިންސްޕެކްޝަންގައި ޖުމްލަ 314 ތަން ބަލައި ފާސްކޮށް، 769 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް އިމިގްރޭޝަން އިން މައުލޫމާތުދެ އެވެ.

"ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓްކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި"

އޭގެ އިތުރުން އިމިގްރޭޝަން އިން ބުނީ ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސް ދީފައިވާ ކަމަށެވެ. އަދި ނޯޓިސްއާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ އެ ފަރާތްތަކާ މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިންސްޕެކްޝަންގައި އިމިގްރޭޝަންއާ ފުލުހުންނާއި، އިކޮނޮމިކް މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން ފުޑް އެންޑް ޑްރަގް އުތޯރިޓީގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.

އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި އެފަދަ އިންސްޕެކްޝަންތައް ސިލްސިލާކޮށް ހިންގާ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، އެމީހުންނާ މެދު އިމިގްރޭޝަންގެ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމެވެ.

Ads by HDC