ރާއްޖޭގެ އާބާދީ ހަ ލައްކައިން މައްޗަށް ގޮސްފި

ދިވެހިރާއްޖޭގައި ދިރިއުޅެމުން އަންނަ މީހުންގެ އާބާދީ ހަ ލައްކައިން މައްޗަށް ގޮސްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ މިހާރުގެ އާބާދީ 601،269 އެވެ. ރާއްޖޭގައި ދިރިއުޅޭ މީހުންގެ އަދަދު ހަ ލައްކައަށް ވުރެ އިތުރުވި ފުރަތަމަ ފަހަރަކީ މިއީ ކަމަށްވާއިރު، ކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާ ހަވާލާދީ އެމްއެމްއޭއިން މިކަން ހާމަކުރިއިރު، 2022 ވަނަ އަހަރުގެ ބޯހިމެނުމަށްފަހު އެ ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 515،132 އެވެ.
އޭގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 382،639 މީހުންނެވެ. އެއީ ދިރިއުޅޭ އާބާދީގެ 74 އިންސައްތަ އެވެ. އަދި 132،493 މީހުންނަކީ ބިދޭސީންނެވެ.
ބޯހިމެނުމުން ދައްކާ ގޮތުގައި އާބާދީގެ 61 އިންސައްތައަކީ ފިރިހެނުންނެވެ. އެއީ 311،994 މީހުންނެވެ. އަންހެނުންގެ އަދަދަކީ 203،138 އެވެ. އާބާދީގެ ބޮޑު ބައެއް އުޅެނީ ވެރިކަން ކުރާ މާލެ ސަރަހައްދުގަ އެވެ. އެއީ 211،908 މީހުންނެވެ. ރަށްރަށުގައި 236،911 މީހުން ދިރިއުޅެމުން އަންނަ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި މާލެ ސަރަހައްދަށް ފަހު އެންމެ ގިނަ މީހުން އުޅެނީ އައްޑޫ ސިޓީގަ އެވެ.
އެ ސިޓީގައި 25،062 މީހުން ދިރިއުޅޭއިރު، ދެވަނައަށް އެންމެ ގިނައިން މީހުން އުޅޭ ހދ. އަތޮޅުގައި 22،440 މީހުން ދިރިއުޅެ އެވެ.
ބިދޭސީންގެ އުނދަގޫ ވަރަށް ބޮޑުވެއްޖެ އެމީހުން ބޭރުކުރަން ޖެހޭ ދިވެހީން ބުރަ މަސައްކަތް ކުރަން ޖެހޭ ގައުމުކުރިއަރުވަން ވަޒީފާ އާންމުންނާއި ސަރުކާރުން އުިފައްދަން ޖެހޭ