ޚަބަރު ވިޔަފާރި

ވޯޓަ ބަންކަރިންއާ އިތުރު ހިދުމަތްތައް ހޯދަން ޕެނަމާގެ ބޯޓެއް އިހަވަންދިއްޕޮޅަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ވޯޓަ ބަންކަރިން އާ އިތުރު ހިދުމަތްތައް ހޯދަން ޕެނަމާގެ ބޯޓެއް އަންނަ ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅަށް އައުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާކޮށް، އިގުތިސޯދަށް ދިރުން ގެނެސްދޭނެ އިތުރު ސިނާއަތެއްގެ ގޮތުގައި މެރިޓައިމް ދާއިރާ ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އުތުރުން ދަތުރު ކުރަމުންދާ، ބޭރުގެ ބޯޓު ފަހަރަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް "އުތުރު މެރިޓައިމް ސާވިސަސް" ގެ ނަމުގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖެއްސި އެވެ.

އެ އިންތިޒާމުތަކުގެ ދަށުން ހާއްސަ ފެސިލިޓީއެއް މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ހުޅުވާފަ އެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކުރީ އެމްޕީއެލްއާ އެވެ.

ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަޖީހް ވިދާޅުވީ މިވަގުތު ޖުމްލަ 14 ހިދުމަތެއް ދިނުމަށް ތައްޔާރު ކުރެވިފައިވާ މި ފެސިލިޓީން ދެވޭ ހިދުމަތްތަކާ ބެހޭ މައުލޫމާތުތައް، ރާއްޖޭން ބޭރުގެ ފަރާތްތަކުން ހޯދަމުންދާ ކަމަށެވެ.

"މިގޮތުން މި ފެސިލިޓީން ހިދުމަތް ހޯދުމަށް ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ އޮއިލް ޕްރޮޑަކްޓްސް ޓޭންކަރެއް، މި އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު އިހަވަންދިއްޕޮޅަށް ބަނދަރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ،" ވަޖީހް ވިދާޅުވި އެވެ.

އެ ބޯޓުން ހޯދުމަށް އެދިފައިވާ ހިދުމަތްތަކުގެ ތެރޭގައި ޕައިލެޓޭޖް ހިދުމަތާއި ފްރެޝް ވޯޓަ ބަންކަރިން އާއި ކްރޫ ޗޭންޖް އާއި ކާބޯތަކެތި ސަޕްލައި ކޮށްދިނުމުގެ އިތުރުން ސްޕެއާ ޕާޓްސް ސަޕްލައިކޮށްދިނުން ހިމެނޭ ކަމަށެވެ.

ކްރޫ ޗޭންޖް ހިދުމަތުގެ ތެރެއިން ރާއްޖެއިން ބޭރުން އަންނަ ހަ ކްރޫއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހއ. އަތޮޅަށް ގެންގޮސް ބޯޓަށް އަރުވައި ދިނުމާއި ބޯޓުގައި ތިބި ނުވަ ކްރޫއެއް ބޯޓުން ބާލައިގެން ގެންގޮސް ވީއައިއޭއިން ރާއްޖެއިން ބޭރަށް ފުރުވާލުން ހިމެނޭ ކަމަށެވެ. މިވަގުތަށް ޖުމްލަ 15 ކްރޫ ޗޭންޖް ހިމެނުނަށް އަދަދު އަދި އިތުރު ވެދާނެ ކަމަށް ބެލެވޭ ކަމަށް ވަޖީހް ވިދާޅުވި އެވެ.

ބޯޓަށް ހިދުމަތް ދިނުމުގައި އެމްޕީއެލްގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް ބައިވެރިވާނެ އެވެ. ވިދާޅުވި ގޮތުގައި މި ބޯޓުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ބޯޓުގެ ބައެއް ކަހަލަ މެއިންޓެނެންސް މަސައްކަތްތައް ކުރަން ޖެހޭތީ، ލަފާކުރެވޭ ގޮތުން ފަސް ވަރަކަށް ދުވަހު މި ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކުރާނެ ކަމަށް ލަފާކުރެއްވޭ ކަމުގަ އެވެ. އެހެން ވެއްޖެނަމަ، އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ ކަމުގަ އެވެ.

ބައިނަލްއަގުވާމީ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެރިޓައިމް ދާއިރާއިން ހިދުމަތް ދިނުމަށް އެމްޕީއެލުން ގާއިމުކުރި "އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ" (ISPS Gate) ގޭޓު ފެސިލިޓީ ގާއިމުކޮށްފައި ވަނީ އިހަވަންދިއްޕޮޅުގަ އެވެ.

އެ ހިދުމަތްތަކާ ބެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް، ums.mv ގެ ނަމުގައި މި ކަމަށް ހާއްސަ ވެބްސައިޓަކާއި 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.