ޚަބަރު ވިޔަފާރި

އާ ގަވާއިދުތަކާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ރުފިޔާއަށް ޑިމާންޑް އުފެއްދޭނެ: މުނައްވަރު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގަވަރުނަރު މުނައްވަރު: އާ ގަވާއިދުތަކާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ރުފިޔާއަށް ޑިމާންޑް އުފެއްދޭނެ ކަމަށް ވިދާޅުވި / ފޮޓޯ:އެމްއެމްއޭ

ބޭރު ފައިސާ އާއި މަނީ ޗޭންޖިން ވިޔަފާރި އާ ބެހޭ ގަވާއިދުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ރުފިޔާއަށް ޑިމާންޑް އުފެއްދޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އެމްއެމްއޭއިން ރޭ ނެރުނު ގަވާއިދުގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ފެސިލިޓީތަކުން ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް ޖަމާކުރަން ޖެހޭ ކަމަށެވެ. ރިސޯޓުތަކަށާއި ހޮޓާތަކަށާއި އުޅަނދުތަކަށް ކޮންމެ މަހަކު އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކުތަކުގައި މާރުކުރަން ޖެހޭނެ ކަމަށެވެ. ގެސްޓް ހައުސްތަކުން އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އަންނަ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު ވެސް ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ދިވެހިރާއްޖޭގެ އިގުތިސޯދު މިހާރު އޮތް ހާލަތަށް ބަލައި، އިގުތިސޯދު މަސައްކަތް ކުރާ ގޮތަށް ކަންކަން ތަރުތީބު ކުރުން ކަމަށެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޑޮލަރު ވަންނަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވާއިރު، ދާއިރާއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް އަދިވެސް ނުވަންނަކަން ހިސާބުތަކުން ފެންނަން ހުންނަ ކަމަށެވެ.

އެކުލަވާލި ގަވާއިދުގެ މައިގަނޑު އެއް ބޭނުމަކީ ބޭރު ފައިސާގެ ބޮޑު އިންސައްތައެއް ރާއްޖޭގެ ބޭންކިން ނިޒާމަށް ގެނެވޭނެ ގޮތަކަށް ކަންކަން ތަރުތީބު ވެގެން ދިއުން ކަމަށެވެ. އަދި ދިވެހި ރުފިޔާއަށް އޮތް ޑިމާންޑް އިތުރު ކުރުމަކީ ވެސް ބޭނުމެއް ކަމަށެވެ.

"މިހާރު ތަރުތީބު ކުރެވިފައި ހުރި ގޮތުން މިވާ ގޮތަކީ ދިވެހިރާއްޖެއަށް ފަތުރުވެރިއަކު އައިއްސައި ދިވެހި ރުފިޔާއަކީ ކޮންއެއްޗެއްކަން ނުފެނި މި ދަނީ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދިވެހި ރުފިޔާގެ ޑިމާންޑެއް ނެތް. އެބޭފުޅުން ސީދާކޮށް ޑިމާންޑެއް ނުކުރައްވާ،" މުނައްވަރު ވިދާޅުވި އެވެ.

އެހެންނަމަވެސް މިއީ ގައުމުތަކުގައި ކަން ހިނގަމުން އަންނަ ގޮތް ނޫން ކަމަށެވެ. މަނީ ޗޭންޖިންގެ ކަންކަމުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ފަރާތްތައް އުޅޭއިރު، ލައިސެންސް ނަގައިގެން ކުރާ ފަރާތްތަކުން ވެސް އެންމެ އެދެވޭ ގޮތަށް އެކަން ނުކުރާ ކަމަށެވެ.

ވިދާޅުވި ގޮތުގައި މަސައްކަތް ކުރަމުން ދަނީ މަނީ ޗޭންޖިންގެ ވިޔަފާރި އުސޫލަށް ފެއްތުމުގެ މަސައްކަތް ކަމުގަ އެވެ. އެކަމުން ބޭރު ފައިސާގެ ބޮޑު އިންސައްތައެއް ބޭންކިން ނިޒާމަށް ވަދެ، ރާއްޖޭގެ އިގުތިސޯދު އެކަމަށް ބަރޯސާވާ ފަތުރުވެރިކަމުގެ ދާއިރާގެ ނަފާ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ލިބިގެން ދިއުން ކަމުގަ އެވެ.

ބޭރު ފައިސާ ލިބުމުގެ ދަތިކަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ގަވަރުނަރު ވިދާޅުވީ އެކަމާ ކުރިމަތިލާން ޖެހުނީ ކޮވިޑަށް ފަހުގައި ކަމަށެވެ. ސަރުކާރަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޭރު ފައިސާ ލިބުމުގައި ދަތިތަކެއް ދިމާވި ކަމަށެވެ. އެކަމާ ގުޅިގެން ކޮވިޑުގެ ތެރޭގައި އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރި ކަމަށެވެ.

"އަށް ބިލިއަނެއްހާ ރުފިޔާ ކުރިއިރު، މިހާރު ވެސް ގާތްގަނޑަކަށް ބޭންކިން ސިސްޓަމުގެ ތެރޭގައި ގާތްގަނޑަކަށް ހަ ބިލިއަން ވަރަކަށް އެކްސެސް ރުފިޔާ ވެސް،" މުނައްވަރު ވިދާޅުވި އެވެ.

ޑޮލަރަށް އޮތް ޕްރެޝަރު ބޮޑުވުމުގެ އެއް ސަބަބަކީ އެއީ ކަމުގަ އެވެ. އެކަމަށް ހައްލު ހޯދުމަށް އަންނަ މަހު އޯޕަން މާކެޓް އޮޕަރޭޝަނެއް ފެށުމަށް އެމްއެމްއޭގެ ބޯޑުން ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ވިދާޅުވީ ކޮވިޑަށް ފަހު ފަތުރުވެރިކަމުގެ ދާއިރާއިންނާއި އެހެނިހެން ގޮތްގޮތުން ރަސްމީ މާކެޓަށް ނުވަތަ ބޭންކްތަކަށް ބޭރު ފައިސާގެ ގޮތުގައި ވަދެފައި ވަނީ 25 އިންސައްތަ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. އަނެއް 75 އިންސައްތަ މާކެޓް ތެރޭގައި އުޅުނު ނަމަވެސް އެ ފައިސާ ބޭންކްތަކަށް ނުވަންނަ ކަމަށާއި މާރުކުރެވިގެން ދަނީ އެހެން ގޮތްގޮތަށް ކަމަށެވެ.

Ads by Allied Insurance