ބައްސާމުގެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނަގަނީ
ހުޅުމާލެ އަމީން އެވެނިއުއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަނެފައިވާ ދެ އެޕާޓްމަންޓް ދިވެހި ފުލުހުން ހިދުމަތުގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް އެ އިދާރާއިން ފަށައިފި އެވެ.
ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން އެފްއޭއެމަށް ދިން ފައިސާއިން އަމީން އެވެނިއުއިން ބައްސާމް ދެ އެޕާޓްމަންޓް ގަތް މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ހުށަހަޅާފަ އެވެ.
މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ބައްސާމުގެ މިލްކިއްޔާތުގައިވާ ހުޅުމާލެ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް އެ އިދާރާގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ގެންދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
މި މަސައްކަތް ފަށާފައި ވަނީ އެ ދެ އެޕާޓްމަންޓް އަންނަ އާދިއްތަ ދުވަހުގެ ކުރިން ފުލުހުންނަށް ހަވާލުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ފަރާތުން ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވެފައި ވަނީ އެފްއޭއެމަށް ލިބޭ ބޭރު ފައިސާ ކުންފުނިތަކަށާއި އެހެން އެކައުންޓުތަަކަށް ފޮނުވާފައިވާ މައްސަލަ ތަހުގީގުކުރަން ފެށީ މިިދިޔަ އަހަރު ކަމަށެވެ.
"މިގޮތުން މި މައްސަލައިގައި މި [ފުލުހުންގެ ހިދުމަތުން] މިހާރު ދައުވާކުރަން ފޮނުވާފައިވާ މައްސަލައަކީ އެފްއޭއެމްގެ ރައީސް ބައްސާމުގެ ނަމުގައި އަމީން އެވެނިއުއިން ގަނެފައިވާ "A1205" އާއި "A1206" އެޕާޓްމަންޓަށް ފައިސާ ދެއްކުމުގައި އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާ މައްސަލަ،" ސަވާދު ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން އެފްއޭއެމްއިން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ދައްކާފައިވާ ކަމަށް ދެއްކުމަށް ލިޔެކިޔުން ތައްޔާރުކޮށް އަދި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ހިމެނޭ ކަމަށް ސަވާދު ވިދާޅުވި އެވެ.
އަމީން އެވެނިއުން ބައްސާމް ގަތް ދެ އެޕާޓްމަންްޓަށް ފައިސާ ދެއްކުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އެގޮތުން އެފްއޭއެމްގެ ފައިސާއިން ޖުމްލަ 3.8 މިލިއަން ރުފިޔާ އެޕާޓްމަންޓަށް ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވާކަން އެނގިފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު ޕީޖީ އޮފީހުން ބައްސާމުގެ މައްޗަށް އުފުލި ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފަ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލަ އާ ގުޅިގެން ފީފާއިން ވަނީ އެތަނުގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ.
3.8 މިލިޔަން ރުފިޔާއަައް ކިހިނެއް 2 އެޕާރޓްމަންޓް ލިބެނީ…..