ޚަބަރު ސިޔާސީ

ރާއްޖޭން ދައުވާ ކުރަމުންދާއިރު، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީގެން ނުވާނެ: ނަޝީދު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކުރީގެ ރައީސް ނަޝީދު: ވިދާޅުވީ ރާއްޖޭން ދައުވާ ކުރަމުންދާއިރު، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީގެން ނުވާނެ ކަމަށް / ފޮޓޯ:ދެން އިމޭޖްސް

ރާއްޖޭން ދައުވާ ކުރަމުންދާއިރު، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީގެން ނުވާނެ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އެ ގައުމުން ނިންމާފައި ވަނީ އިއްޔެ އެވެ.

އެކަން އިއުލާނުކުރީ އިނގިރޭސިވިލާތާއި މޮރިޝަސްގެ ބޮޑުވަޒީރުން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެކަމާ ގުޅިގެން "އެކްސް" ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އިނގިރޭސީން ނިންމީ ކަސިޔާރު ސިޔާސަތެއްގެ ދަށުން ކަމަށެވެ.

"ރާއްޖޭން ދައުވާ ކޮށްކޮށް އޮއްވައި ޕެރޮސް ބެންހޮސް އެޓޯލް އިނގިރޭސިވިލާތުން މޮރިޝަސްއަށް ދީގެން ނުވާނެ. މިއީ ވަރަށް ކަސިޔާރު ސިޔާސަތެއް،" ނަޝީދު ވިދާޅުވި އެވެ.

ދިވެހިރާއްޖެ އާއި ޗާގޯސް އާކިޕެލާގޯ އާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އާ ގުޅިގެން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ގޮތް ނިންމާފައި ވަނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް އިން ވަކިކުރުމުގައި ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އެ ނިންމުމާ ގުޅިގެން އޭރު އިދިކޮޅުގައި ތިއްބެވި އަދި މިހާރު ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުންނާއި ނަޝީދު ވިދާޅުވަމުން ގެންދެވީ ކުރީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަަހައްދުން ބައެއް ގެއްލުވާލާފައިވާ ކަމަށެވެ.

މި ސަރުކާރުން ވެރިކަމާއކ ހަވާލުވުމަށްފަހު އެކަމަށް ހާއްސަ ކޮމިޓީއެއް އުފައްދައި އިޓްލޮސްގެ ނިންމުން މުރާޖައާ ކުރުމަށް ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Ads by Allied Insurance