އޭސީސީ އާއި ހޮން ކޮންގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމުނާމާއެއް
އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ހޮން ކޮންގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައިސީއޭސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
ހޮން ކޮންގެ އައިސީއޭސީ އަކީ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަހުގީގު ކުރުމާއި ކޮރަޕްޝަން ވިޔަނުދިނުމުގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް މުވައްޒަފުން ބިނާކުރުމުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރެވޭ މުއައްސަސާއެކެވެ.
އެ ފަހުމުނާމާގައި ސޮއިކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު، ހޮން ކޮންގެ އައިސީއޭސީގެ މައި އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އޭސީސީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޒު އާދަމް ޝާމިލެވެ. އައިސީއޭސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކޮމިޝަނުގެ ކޮމިޝަނަރު، ޑެނީ ޔެން މިން ވޫ އެވެ.
އޭސީސީން ބުނީ އެ ފަހުމުނާމާގައި ސޮއިކުރުމަށްފަހު ރަސްމީކޮށް ފަހުމުނާމާ ދެ ކޮމިޝަނުގެ މެދުގައި ބަދަލު ކުރެވިގެން ދިޔައީ ނުވަ ވަނަ ބެލްޓް އެންޑް ރޯޑް ސަމިޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ހޮން ކޮންގެ ޗީފް އެގްޒެކެޓިވް ޖޯން ލީގެ ހާޒިރުގައި ކަމަށެވެ.
މި ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދާ މައިގަނޑު ކަންތައްތަކަކީ:
- ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަހުގީގުތަކާ ގުޅޭ މައުލޫމާތު ބަދަލު ކުރުން
- ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށުގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ ހޯދައި އިއާދަ ކުރުމުގައި އެކުގައި މަސައްކަތް ކުރުން
- ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށްކުރާ ގޮތާ ގުޅޭ ކަންކަން ދެނެގަތުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާ އަދި އެކަންތައްތައް ވިޔަނުދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުން
- ކޮރަޕްޝަންގެ ކުށް ހުއްޓުވުމާއި ތަހުގީގު ކުރުމާ ގުޅުންހުރި މުވައްޒަފުން ތަމްރީނު ކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން
- ދެ ފަރާތް ގުޅިގެން ކޮރަޕްޝަނާއި މަނީ ލޯންޑަރިން ހުއްޓުވުމާއި މަނާކުރުމާ ގުޅުންހުރި ފޯރަމްތަކާއި ސެމިނާތަކާއި ކޮންފަރެންސްތަކާއި ވޯކްޝޮޕްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން
- ކޮރަޕްޝަނާއި މަނީ ލޯންޑްރިން އާ ދެކޮޅަށް މަސައްކަތް ކުރުމުގައި "ބެސްޓް ޕްރެކްޓިސް" ތަކުގެ މައުލޫމާތު ބަދަލު ކުރުމާއި ދެ ކޮމިޝަން ގުޅިގެން ދިރާސާކުރުން
- ދެ ފަރާތް ގުޅިގެން މުޖުތަމައާއި ފަރުދުންނާއި މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން
- މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރުމާއި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް ކުރާ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަންދިނުން
ފަހުނަމާގައި ސޮއިކުރުމަށް އައިސީއޭސީން ދިން ދައުވަތަށް އޭސީސީގެ ރައީސް ހޮން ކޮންއަށް ކުރެއްވި ރަސްމީ ދަތުރުގެ ހުރިހާ ހަރަދުތައް ހަމަޖައްސައިދީފައި ވަނީ އެ ކޮމިޝަނުން ކަމަށް އޭސީސީން ބުނެ އެވެ.