ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މާލެއިން ބިމެއް ގަތް ވާހަކަ އޭނާ މިއަދު ދޮގުކޮށްފި އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބުރާސްފަތި ދުވަހުރޭ ބޭއްވި ބައްދަލުވުމުގައި މި ސަރުކާރު ތެރޭގައި ކޮރަޕްޝަން އިންތިހާ އަށް އިތުރުވެފައިވާކަން ފާހަގަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ކޮރަޕްޝަން މެދުވެރިކޮށް ސަރުކާރުގެ އިސްވެރިން މާލެއާ ހުޅުމާލެއިން، ބިމާއި، ފްލެޓްތައް ގަންނަމުންދާ ކަމަށެވެ.
ފައިސަލް އަށްވެސް މިހާރު ބޮޑު ތަނަވަސްކަމެއް ލިބިވަޑައިގެންފައިވާ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ. ވިދާޅުވީ މި ފަހުން ފައިސަލްވެސް މާލެ އިން ބިމެއް ގަނެފައިވާ ކަމަށެވެ. އެކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ޔާމީން ހިއްސާއެއް ނުކުރައްވަ އެވެ.
އެހެން ނަމަވެސް ވިދާޅުވީ މި ސަރުކާރުން ހިންގާ ކޮރަޕްޝަންތައް އެއްވެސް މުއައްސަސާއަކުން ނުބަލާ ކަމަށެވެ.
ޔާމީން ދެއްކެވި ވާހަކަތައް ދޮގުކޮށް 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ޔާމީން އުޅުއްވަނީ ރޯ ބުހުތާނު ދޮގު ހައްދަވައިގެން ފިތުނަ ފަސާދަ އުފެއްދުމަށް ކަމަށެވެ.
"އެފަދަ ދޮގު ވާހަކަތައް ދެއްކުން ހުއްޓާލެއްވުމަށާއި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރެއްވުމަށް ރައީސް ޔާމީނަށް މި ފުރުސަތުގައި ނަސޭހަތްތެރިވަން" ފައިސަލް ވިދާޅުވި އެވެ.
ފައިސަލްގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ގުޅުވައި ޔާމީން ދައްކަވަމުގެންދަވާ ވާހަކަފުޅުތަކާއި ގުޅިގެން ފައިސަލްއާ ޔާމީންއާ ދެމެދު ދޭތެރެ ދޭތެރެއިން ބަހުގެ ހޫނު ހަމަލާތައް ދަނީ ރައްދުކުރެވެމުންނެވެ.
ފައިސަލް ވިދާޅުވާ ގޮތުގައި ޔާމީން މިހާރު ހުންނެވި ސިޔާސީ މައިދާނުން އެކަހެރިކޮށްފަ އެވެ. ޔާމީނަކީ ކިބުރުވެރި އަދި ޒާތްކޮޅު ބޮޑު ބޭފުޅެއް ކަމަށް އެކި ޕޯޑިއަމްތަކުގައި ފައިސަލް ގެންދަވަނީ ވިދާޅުވަމުންނެވެ.