ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ފުލުހަށް ހުށަހަޅައިފި
ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވާ މައްސަލަ ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ މިދިޔަ އޮގަސްޓް 13 ގައި އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާއިން ފެންނަ ވީޑިއޯގައި ނަސްރު ސްޕީޑް އަދި ރިލެކްސް ގޯލްޑް ނަމަކަށް ކިޔާ ލޯންޗެއް ވަރަށް ބާރު ސްޕީޑްގައި ދުއްވާފައި ނެރު ކައިރިން ވަންނަތަން ފެނެ އެވެ. އަދި ފަހަތުން ރަމްޒު ސްޕީޑްގެ ލޯންޗެއް ނެރަށް ވަދެގެން އަންނަ މަންޒަރު ފެނެ އެވެ.
އެ ލޯންޗުތައް ކަނޑުމަތީގައި ވާދައަށް ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ލިޔުނު މީހަކު ބުނެފައިވަނީ ފުރާނަތަކެއް ގެއްލުމުގެ ކުރިން އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.