Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ފައިދާވާ ގޮތަށް ހާރިޖީ ސިޔާސަތު ބަދަލުކުރުމަކީ އަމާޒެއް: ރައީސް

އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ފައިދާވާ ގޮތަށް ހާރިޖީ ސިޔާސަތު ބަދަލުކުރުމަކީ އަމާޒެއް: ރައީސް
އިންޑިއާއަށް އެކި ކަންކަމުގައި ދާ ދިވެހިންނަށް ފައިދާވާނެ ގޮތަށް ހާރިޖީ ސިޔާސަތު ބައްދަލުކޮށް، ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ކަންކަން ބަދަލު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައީސް އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފައި ވަނީ އިއްޔެ އެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލު ކުރެއްވުންތަކުގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. ރައީސް، އިންޑިއާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނިއުދިއްލީގައި ދިރިއުޅެމުން އަންނަ ދިވެހިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާއަށް ވަރަށް ގިނަ ދިވެހިން އެކި ކަންކަމުގައި ގޮސް އުޅޭ ކަމަށެވެ. ބޭސްފަރުވާ އާއި ތައުލީމު ހާސިލު ކުރުމަށާއި ވިޔަފާރި ކުރުމުގެ އިތުރުން އެކި ކަހަލަ ކަންކަމުގައި އެ ގައުމަށް ދިވެހިން ދަތުރުކުރާތާ އެތައް އަހަރެއް ފާއިތުވެފައިވާ ކަމަށެވެ.
"އަޅުގަނޑު ގަސްތުކުރަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ތި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބޭނެ ގޮތަކަށް މިހާރަށް ވުރެ ފުރިހަމަ ކުރަން. އެއީ އަޅުގަނޑުމެންގެ ސިޔާސަތު ބައްޓަންކޮށްފައި އޮތް ގޮތަކީ ވެސް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ އަދި ދިވެއްސަކު ކޮންމެ ގައުމެއްގައި ހުރި ނަމަވެސް ދިވެހި ދައުލަތުގެ އެހީތެރިކަން ފުރިހަމައަށް ލިބޭ ގޮތަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ. މެނިފެސްޓޯގައި ވެސް އެކަން އޮތީ އެގޮތަށް ކަމުގައި ފާހަގަކުރެއްވި އެވެ. ވިދާޅުވި ގޮތުގައި ނިއުދިއްލީގައި އާންމު ގޮތެއްގައި ދިރިއުޅެމުން ދަނީ ދިވެހި ހައިކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން އެކި ޓްރެއިނިންތަކުގައި ކުރު މުއްދަތަކަށްދާ ދިވެހިން ކަމުގަ އެވެ. ހައިކޮމިޝަން ދިއްލީގައި ހުރުމާ އެކު ވާން ޖެހޭ ފަސޭހަތަކެއް ހުންނާނެ ކަމުގަ އެވެ.
"އަޅުގަނޑު އެދެނީ ހައިކޮމިޝަނުގެ ފަރާތުން ތިބޭފުޅުންނަށް މިހާރު ލިބޭ ކޮންސިއުލާ އެހީތެރިކަމާ އަދިވެސް އެކި ކަންކަމުގައި މިހާރަށް ވުރެ ރަނގަޅު ކުރަން ހުރި ކަންކަމަކީ ކޮބައިތޯ އެނގެން. އޭރަށް އެކަންކަމަށް ރަނގަޅު ހައްލުތަކެއް ގެންނަން މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ އެކު ވަގުތު ހޭދަކުރައްވައި، އެ ފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފަ އެވެ. ބައްދަލު ކުރެއްވުމުގައި ދިވެހިންނާ އެކު ރައީސްގެ ދެކަނބަލުން ހަނދާނީ ފޮޓޯއެއް ނަންގަވާފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް