ޚަބަރު އިޖުތިމާޢީ

ސްޓެލްކޯއިން ގާއިމުކުރާ އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނުގެ އަމަލީ މަސައްކަތް ފަށައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުން - ފޮޓޯ:ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ގާއިމުކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ޗާޖިން ސްޓޭޝަނުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

Ads by MWSC

އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަން ގާއިމު ކުރަނީ ސްޓެލްކޯ ހެޑް އޮފީހާ އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގަ އެވެ.

އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނުގެ މަސައްކަތާ ގުޅޭގޮތުން "އެކްސް" ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ "އޮން-ސައިޓް" ގައި އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ކާބަން ފުޓް ޕްރިންޓް ކުޑަކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ގައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާ އެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑް ބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާ އަދި މިހާރު ވެސް ގެންގުޅޭ ފަރާތްތަކަށް ލުއިފަސޭހަތައް ހޯދައިދިނުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

ރައީސްގެ ދެމެހެއްޓެނިވި ހަކަތައިގެ ތަސައްވުރާ އެއްގޮތަށް ޗާޖިން ސްޓޭޝަނުގެ މަސައްކަތް ޝެޑިއުލް ކުރެވިގެން ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ފަހުމީ މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ ކޮންމެ ތިން ކާރަކަށް އެއް ޗާޖިން ސްޓޭޝަން އިންސްޓޯލްކޮށްގެން ކޮރެއާގައި އޮތްފަދަ މޮޑެލްއަކަށް ރާއްޖެ ގެންދިއުން ކަމުގަ އެވެ. އެއީ އިލެކްޓްރިކް ވެހިކަލްތައް ފުޅާދާއިރާއެއްގައި ބޭނުން ކުރުމަށް އެހީތެރިވެދީ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކަށް އެހީތެރިވެދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

Ads by Ooredoo