ޚަބަރު ސަރުކާރު

ރައީސް، އިންޑިއާގެ ބޮޑުވަޒީރު މޯދީ އާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.

Ads by Hajj Corporation

މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްވަރަޕަތީ ބަވަންގައި އޮތް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

ރައީސް ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާ އެކު، 21 ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި ޝަރަފުގައި އޮތް ޝަރަފުގެ ގާޑް، ރައީސް ވަނީ އިންސްޕެކްޓް ކޮށްދެއްވާފަ އެވެ. ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން މަހާތުމާ ގާންދީގެ މަގުބަރާ، ރާޖްގަޓަށް ޒިޔާރަތް ކުރައްވާފައިވެ އެވެ.

އެއަށް ފަހު ދިއްލީގައި ހުންނަ މެހެމާނުން ތިއްބަވާ ރަސްމީ ގެކޮޅު، ހައިދަރުއާބާދު ހައުސްގައި ބޮޑުވަޒީރު މޯދީ އާ ވަނީ ބައްދަލު ކުރައްވާފަ އެވެ. ބައްދަލު ކުރެއްވުމުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި އިންޑިއާ ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީއަށް ރައީސް ވަޑައިގެންފައި ވަނީ އިއްޔެ އެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ދިއްލީގެ އިތުރުން މުމްބާއީއަށާއި ބެންގަލޫރަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާ ބައްދަލު ކުރައްވާފަ އެވެ. އަދި ނިއުދިއްލީގައި އުޅޭ ދިވެހިންނާ ވެސް ރައީސް ވަނީ ބައްދަލު ކުރައްވާފަ އެވެ.

Ads by Ooredoo