ޚަބަރު ސަރުކާރު

އިންޑިއާގެ އިންވެސްޓަރުންނަށް ރާއްޖޭގެ ދޮރުތައް ވަނީ ހުޅުވިފައި: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ރައީސް ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

އިންޑިއާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްތައް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MWSC

އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރޭ ވެރިރަށް ނިއުދިއްލީގައި ބޭއްވި "އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ ދިއްލީގައި ހުރެ ފޯރަމުގެ ތެރެއިން ތަގުރީރު ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. އެތައް އަހަރެއް ވަންދެން ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ޕާޓްނާޝިޕްތަކުގެ ދަށުން އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އޭގެތެރޭގައި އުމްރާނީ، ސިއްހީ، މުވާސަލާތީ، ތައުލީމީ އަދި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އެހީތެރިކަން ދީފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެކުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، އަޅުގަނޑުމެން ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރި އާއި ވިޔަފާރި ގުޅުންތަކުގެ ކުރިއެރުން،" ރައީސް ވިދާޅުވި އެވެ.

މެރިޓައިމް ސިނާއަތަށް މިއަދު އޮތް ސަމާލުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ-ސިޓީ، ރަސްމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ "މެޓްރޯޕޮލިސް" ބަދަލު ކުރުމުގެ އަމާޒު ހިފާފައިވާ "ފްލެގްޝިޕް" މަޝްރޫއެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އިގުތިސޯދީ ކުރިއެރުމުގައި އަމިއްލަ އިންވެސްޓްމަންޓްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމުގަ އެވެ. އިގުތިސޯދީ ކުރިއެރުމުގެ ދުވެލި އަވަސް ކުރުމަށް އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގަ އެވެ.

ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް މިފަދަ އިންވެސްޓްމަންޓުތަކަށް މަގުފަހިކޮށްދިނުމާ އެކު ހިތްވަރު ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަން ވެސް އެމަނިކުފަނު ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރާއްޖޭގެ އިގުތިސޯދު ބަދަލުކުރުމަށް ތަރައްގީގެ އެޖެންޑާއަކާ އެކުގައި ކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ އަސާސްތައް ހަރުދަނާކޮށް، މާލީ ހިދުމަތްތަކާއި މެރިޓައިމް އަދި ޑިޖިޓަލް އިގުތިސޯދު ފަދަ ދާއިރާތައް އިތުރަށް ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ. ވެރިކަމުގެ ބިންގަލަކީ ގިނަ ދާއިރާތަކަކުން ސްޓްރެޓެޖިކް ގޮތެއްގައި އިންވެސްޓްކޮށް ދެމެހެއްޓެނިވި ކުރިއެރުންތަކެއް ހޯދުން ކަމަށެވެ.

"އަޅުގަނޑު މިއަދު މިތަނުގައި ހުއްޓިހުރެ، ތިޔަ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރި އިގުތިސޯދީ ފުރުސަތުތައް ހުޅުވާލުމަށް އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރުމަށް ދައުވަތުދެން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އުފެއްދުންތަކުގެ ތެރެއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ބޭނުންތައް ފުއްދައިދިނުމުގެ ފުރުސަތު ތަނަވަސްކަން ފާހަގަކުރައްވާފަ އެވެ.

އަދި 2030 ވަނަ އަހަރު އަންނަންވާ އިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިގުތިސޯދުން ކަމުގައި ހެދުމަށް ޑިޖިޓަލް ދާއިރާ ކުރިއެރުން މުހިންމު ކަމަށެވެ.

ރާއްޖޭގައި "ރުޕޭ" ކާޑު ބޭނުން ކުރެވެން ފެށުމާ އެކު، އިންޑިއާ އާއި ރާއްޖެ އާ ދެމެދު މާލީ މުއާމަލާތްތައް ކުރުން އިތުރަށް ލުއިފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން މިހާރު ފައްޓަވާފައިވާ އިގުތިސޯދީ އިސްލާހީ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.

އިންޑިއާގެ ރައީސް, ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅު ރައީސް ފައްޓަވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި މިހާތަނަށް އިންޑިއާގެ މަތީ ފަންތީގެ ގިނަ ބޭފުޅުންނާ އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފަ އެވެ.

Ads by Ooredoo