ރާއްޖޭގައި ބޮޑުބެރު ގްރޫޕުތައް ވަރަށް ގިނަ އެވެ. ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ހުށަހެޅުންތައް ހުށަހަޅައިދެމުން އަންނަ ގްރޫޕުތައްވެސް ރާއްޖޭގައި އެބަ އޮތެވެ. މިހަފްތާގެ ސްޕޮޓްލައިޓް ޕްރޮގުރާމުގައި "ދެން" ގެ ސެޓަށް ދައުވަތު އެރުވީ ރަށު ފެންވަރުގައި ފަށައި މިހާރު މުޅި ރާއްޖެއަށް އަޑުގަދަ ކޮށްލާފައިވާ "އެކަތި" ބޮޑުބެރު ގްރޫޕަށެވެ.

Ads by Sosun Fihaara

 

ކުޑަކޮށް ފެށި ގްރޫޕު މިހާރު ވަރަށް ބޮޑުވެއްޖެ

"އެކަތި" އުފެދިގެން އައީ ނ. ޅޮހީގައި ބޮޑުބެރަށް ޝައުގުވެރިކަން ހުރި ކުދިންތަކެއް އަމިއްލައަށް އިސްނަގައިގެން ކުރި މަސައްކަތަކުންނެވެ. އޭރު އެ ގްރޫޕުގައި އުޅުނީ މުޅިންވެސް ޅޮހީ ކުދިންނެވެ. އެކަމަކު 2017 ގައި ގްރޫޕުގައި އިސްކޮށް އުޅުނު ކުދިންތަކެއް މާލެ ބަދަލުވެ މައި ހަބެއްގެ ގޮތުގައި މާލެ ހަމަޖެހުނެވެ. އެއާއެކު އެހެން ރަށްރަށުގެ ކުދިން މި ގްރޫޕާއި ގުޅުނެވެ.

ފެށި އިރު ގްރޫޕުގައި ތިބީ އަށް ވަރަކަށް ކުދިންނެވެ. އެކަމަކު މިހާރު ތިރީހަކަށް ކުދިން މި ގްރޫޕުގައި ހަރަކާތްތެރި ވެއެވެ.

ގްރޫޕުގެ ލީޑް ވޯކަލިސްޓް ނާޝިއު އިސްމާއިލް، ނައްޓު ކިޔައިދިން ގޮތުގައި "އެކަތި" އުފެއްދީ ބޮޑުބެރަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ރަށުގައި އުޅުނުއިރު ރަށު ފެންވަރުގައި ކުރިއަށް ގެންދިޔަ ބޮޑުބެރު ޗެލެންޖެއްގައިވެސް މި ކުދިން ވާދަ ކުރި އެވެ. ފުރަތަމަ ގްރޫޕު ފެށިގެން އައީވެސް ސަގާފަތުގެ ތެރެއިން ކަމަށްވުމާއެކު "އެކަތި" ލޯބި ކުރަނީ ދިވެހިންގެ އެންމެ އިހުގެ ސަގާފަތް ދިރުވާ އާލާ ކުރާށެވެ. ލަވަތައް ކިޔުމާއި ބެރު ޖެހުމުގެ އިތުރުން ނެށުމުގައިވެސް އިހު ދިވެހިންގެ ވައްޓަފާޅި ގެންގުޅެން މި ގްރޫޕުން އިސްކަން ދެ އެވެ.

"އޭރާ މިހާރާ ބަލާފަ އަސްލު ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިފަ ވަރަށް ބޮޑުތަނުން ގްރޫޕު މިހާރު ކުރިއަށް ޖެހިފަ މިއޮތީ" ނައްޓު ކިޔައިދިނެވެ.

އަމިއްލަ ލަވަތަކަށް އޮންނަ ލޯބި

"އެކަތި" ބޮޑުބެރު ގްރޫޕަކީ އެހެން ގައުމުތަކުގެ ކޮޕީ ރާގުތައް ކިޔުމަށްވުރެއް ބޮޑަށް އެމީހުންގެ އަމިއްލަ ލަވަތަކަށް އިސްކަން ދޭ ބައެކެވެ. އެންމެ ފުރަތަމަވެސް އެގްރޫޕުން ވީޑިއޯ ލަވައެއްގެ ސިފައިގައި ރިލީޒް ކުރީ އަމިއްލަ ރާގުގެ ލަވަ އެކެވެ. "ގޮމަ" ނަމަކަށް ކިޔާ މި ލަވައިގެ މެލޮޑީއާއި ލިރިކްސްވެސް ހެދީ އެ ގްރޫޕުގައި އުޅޭ ކުދިންނެވެ.

މީގެ އިތުރުން އަޟްހާ އީދަކާއި ދިމާކޮށް އެކަތި ބޮޑުބެރު ގްރޫޕުގެ ފަރާތުން ނެރުނު "އެންމެން" ލަވައަކީވެސް މަގުބޫލުކަން ހޯދި އަމިއްލަ ރާގުގެ ލަވަ އެކެވެ. މި ލަވައިގެ މެލޮޑީއާއި ލިރިކްސްވެސް ހެދީ ގްރޫޕުގެ ކުދިންނެވެ.

ނައްޓު ބުނި ގޮތުގައި ގްރޫޕުގެ ފަރާތުން މިހާރު ތައްޔާރުވަމުން ދަނީ އަމިއްލަ ރާގުގެ ލަވަތަކުގެ އަލްބަމެއް ރިލީޒް ކުރާށެވެ. މި އަލްބަމްގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު ވީޑިއޯއާއިއެކު ބެލުންތެރިންނަށް ވަރަށް އަވަހަށް ބަލައިލަން ލިބޭނެކަމަށް ނައްޓު ބުންޏެވެ.

 

ނައްޓުގެ ދަތުރު ބޮޑުބެރަށް

މިހާރު ލީޑް ވޯކަލިސްޓެއްގެ ގޮތުގައި "އެކަތި" ބޮޑުބެރު ގްރޫޕުގައި ހަރަކާތްތެރިވާ ނައްޓުއަށް ލަވަކިޔަން ފެށުނީ ވަރަށް ތަފާތު ގޮތަކަށެވެ. ފުރަތަމަ ގްރޫޕަށް ވަނީ ނަށާށެވެ. އޭރު ލަވަ ކިޔޭނެކަމެއްވެސް ނޭނގެ އެވެ. އެ ޝައުގުވެރިކަން ހުރިކަމެއްވެސް ނޭނގެ އެވެ.

ނަށަމުން ގޮސް ދެން ފެށީ ބެރު ޖަހާށެވެ. ފަސްވަރަކަށް އަހަރު ބެރު ޖެހުމުގައިވެސް ގްރޫޕުގައި ހަރަކާތްތެރިވި އެވެ. އަހަރުތަކެއް ފަހުން އަލަށްވެސް މައިކެއްގައި އަތްލި ދުވަހު ލަވަ ކިއިދާނެކަން ނައްޓުއަށް އެނގުނެވެ.

"އެކަމަކު މައިކު ނަގާ ކިޔަން ފެށީމަ އެނގިއްޖެ ދެން ކޮންމެވެސް ވަރަކަށް މިކަން ކުރެވޭނެކަން"

އަޖުފާންގެ ލޯބި ބޮޑުބެރަށް

މި ޕްރޮގުރާމުގައި "އެކަތި" ބޮޑުބެރު ގްރޫޕުގެ އަޖުފާން އިސްމާއިލްވެސް ބައިވެރި ވިއެވެ. އޭނާއަށް މިހާ ހަމައަށް އާދެވުނު ގޮތްވެސް ހިއްސާ ކުރި އެވެ. ކުޑައިރު ބޮޑުބެރަށް ޝައުގުވެރިކަން އުފެދުނީ އަޖުފާންގެ ބައްޕަގެ ސަބަބުންނެވެ. ސްކޫލުގައި އުޅުނު ދުވަސްވަރު ޓީވީ މޯލްޑިވްސްއިން ގެނަސްދިން ބޮޑުބެރު ޗެލެންޖުގެ ޝޯތައް ބަލަން އަޖުފާންއަށް ގޮވަނީ އޭނާގެ ބައްޕަ އެވެ. ރަމަޟާން މަހުގެ ރޭގަނޑު ނިދާފައި އޮތަސް އަޖުފާންއަށް އޭނާގެ ބައްޕަ ގޮވަ އެވެ. މިގޮތަށް ބޮޑުބެރު ބަލަމުން ގޮސް އެންމެ ފުރަތަމަ އަޖުފާންގެ ބެރަކަށް ވީ މޭޒެވެ.

"އޭރުގަވެސް ދެން ލަވައެއް ނުކިޔަން."

އަޖުފާން އުޅެ ބޮޑުވީ މ. މަޑުއްވަރީގަ އެވެ. ރަށު ސްކޫލުގައި ހެދި ބޮޑުބެރު ގްރޫޕަކީ އަޖުފާން ބޮޑުބެރާއި އިތުރަށް ގާތް ކޮށްލި ކަމެކެވެ. އޭނާ 6 ވަނަ ގްރޭޑުގައި އުޅުނުއިރު އެގްރޫޕުގައި ގިނައީ 10 ވަނަ ގްރޭޑުގައި އުޅޭ ކުދިންނެވެ. އެ ގްރޫޕާއެކުވެސް އަޖުފާން އުޅުނީ ބެރު ޖަހާށެވެ. އެކަމަކު އެހެން އުޅެމުން ގޮސް އަލަށް ލަވައެއް ކިއެވެ. ފުރަތަމަ ކީ "ބޮޑުބަބުރު" ލަވަ އެވެ. ގްރޫޕުގައި އުޅޭ ކުދިންނަށްވެސް އަޖުފާންއަށް ލަވަ ކިޔޭކަން އެނގުނީ މިހާ ހިސާބުންނެވެ.

ބޮޑެތި މީހުންނާއެކު އަބަދު އުޅޭތީ އަޖުފާންގެ ތިއްތިބެ ގޭބަންދު ކުރަން ފެށީ ދެނެވެ. އެހެންވެ އޭނާއަށް ލަވަކިޔަން އަދި ބެރު ޖަހާކަށްވެސް ނުދެވެ އެވެ. އަޖުފާންގެ ލަވަކިޔުމުގެ ހުނަރު ދެން ދައްކަން ފެށީ ފާހާނާގަ އެވެ. އެކަނި ހުރެގެން ލަވަ ކިޔަމުން ގޮސް މިކަމުގެ ތެރެއަށް ނިކުންނަން އަޖުފާން ބޭނުންވި އެވެ.

މާލެ އައިސް "އެކަތި" ބޮޑުބެރު ގްރޫޕުގައި ލަވަ ކިޔަން ފެށުމުން އަޖުފާން ބައްޕަގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެން ފެށި އެވެ. ލަވައެއް ކިޔާ އަޑު އިވުމުން ގޯސްކޮށް ކިޔާނަމަ ރަނގަޅު ކުރަންވެސް ކިޔައިދެ އެވެ. މިއީ އަޖުފާން މިދާއިރާއިން ކުރިއަށް ދާން ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

ހުވަފެންތައް ބޮޑެތި

އަޖުފާންއާއި ނައްޓުގެ ވާހަކައިން އެމީހުންގެ ހުވަފެންތައް ބޮޑެތިކަން އެނގުނެވެ. ބޭނުންވަނީ ބައިނަލްއަގުވާމީ ސްޓޭޖެއްގައި ހުށަހަޅައިދޭށެވެ. ދެމީހުން ބުނީ ދިވެހިންގެ ސަގާފަތް ބޭރު ބަޔަކަށް ދައްކަން ލިބޭނެ ދުވަހަކީ އެންމެ ދެކެން ބޭނުންވާ ދުވަސް ކަމަށެވެ. މިކަމަށްޓަކައި އެތައް މަސައްކަތެއް ކުރަމުން ދާކަމަށް ބުންޏެވެ.

"އެކަތި" ބޮޑުބެރު ގްރޫޕަށް މަގުބޫލުކަން އިތުރު ކުރަން ޓިކްޓޮކް، އިންސްޓަގްރާމް އަދި ފޭސްބުކްގައި ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ދަންބެރުގެ ނަމުގައި ލައިވް ޝޯތަކެއް ކުރިއަށް ގެންދެ އެވެ. މީގެ ބޭނުމަކީ މީހުންނަށް އެކަތީގެ ހުނަރު ދެއްކުމެވެ. ޝައުގުވެރިކަމާއިއެކު ބެރު ގްރޫޕުގެ ހުރިހާ ކުދިންވެސް މި ޝޯތަކާއި ޕްރެކްޓިސްތަކުގައިވެސް ދަނީ ބައިވެރިވަމުންނެވެ.

Ads by Ooredoo