ޚިޔާލު ރިޕޯޓް

އިންޑިއާއިން ދިވެހިންނަށް އޮތް ލޯބި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ޒަމާންވީ ގުޅުމެކެވެ. ދިވެހިން މިއަދު މި ދެކޭ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔަކީވެސް އިންޑިއާ އެވެ. އެހީއަށް ބޭނުންވި ކޮންމެ ފަހަރަކު އެންމެ ގާތުގައި ހުރެދިން އެއް އަވައްޓެރިޔަކީވެސް އިންޑިއާ އެވެ.

Ads by Hajj Corporation

ރާއްޖޭގެ ކުރު މާޒީއަށް ބަލާއިރު ހީވެފައި އޮތީ ވަކި ބަޔަކު ވެރިކަމުގައި އޮވެގެން ނޫނީ އިންޑިއާ ފަދަ ބޮޑު ގައުމެއްގެ އެހީތެރިކަން ރާއްޖެއަށް ނުލިބޭނެ ކަމަށެވެ. މިގޮތަށް ހީކުރެވުމުގައި ސަބަބުތަކެއް އެބަ ހުއްޓެވެ. 2013 ވަނަ އަހަރު އުފެދުނު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއިއެކު އޮތް ގުޅުން ހީނަރުވި އެވެ. ރަސްމީ ދަތުރުތަކުގައި ދެގައުމުގެ އިސް ވެރިން އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރެއްވިއެއްކަމަކު ސިޔާސަތުތަކުގައި ހުރި ތަފާތުވުންތަކެއްގެ ސަބަބުން ނުތަނަވަސްކަމެއް ދެގައުމުގެ ދެމެދުގައި އޭރު އޮތެވެ.

އަނެއްކާވެސް އެމްޑީޕީގެ ވެރިކަމުގައި މި ގުޅުން ވަރަށް ބޮޑަށް ރަނގަޅުވި އެވެ. އެއާއެކު އަޑު ފެތުރިގެން ދިޔައީ އެމްޑީޕީ ނޫން ބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ އިންޑިއާ އާއެކު ގުޅުން ކެނޑިދާނެ ކަމަށެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޯމަތިވަމުން އައިއިރު މިއަޑު ވަރަށް ބޮޑަށް ގަދަވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ވަރަށް ސާފެކެވެ. ކޮންމެ ގައުމެއްވެސް އެހާމެ ގާތެވެ. އެކަމަކު އަވައްޓެރި ގައުމުތައް އެހެން ގައުމުތަކަށްވުރެއް ގާތެވެ. ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ ނާރާހާ ހިނދަކު ކޮންމެ ގައުމަކާއިއެކުވެސް ގާތް ގުޅުމެއް ބާއްވާނެކަމަށް ތަކުރާރުކޮށް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.

އިންޑިއާ އާއި ޗައިނާ އާއި ދެމެދު އޮންނަ ވާދަވެރިކަމާއި ނުތަނަވަސްކަމުގެ އަސަރު ކޮންމެވެސް ސިފައެއްގައި ރާއްޖެއަށް ކުރެ އެވެ. ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން މި އަސަރުތައް ބޮޑަށް ފެނުން އެކަށީގެންވެ އެވެ. އެކަމަކު މިއަދު ފެނިގެން ދަނީ ވަރަށް ހަމަހަމަ ސިޔާސަތެކެވެ. ދެގައުމުންވެސް ރާއްޖެއާއެކު ބާއްވަނީ އެހާމެ ގާތް ގުޅުމެކެވެ.

"އިންޑިއާއަކީ ރާއްޖޭގެ އިޖުތިމާއީ، އިގުތިސޯދީ، އުމްރާނީ ތަރައްގީގައި މުހިންމު ބައިވެރިއެއް. އަބަދުވެސް އޮންނާނީ ހަގީގީ އެކުވެރިއެއްގެ ގޮތުގައި" އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ އަކީ ރާއްޖެއާއި އަބަދުވެސް ގާތް ގައުމެކެވެ. އެކި ދާއިރާތަކުން ގުޅުން އުފެދި ގުޅުންތައް ބަދަހި ކުރަމުންދާ ގައުމެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހާމަވެގެން ދަނީ ސަރުކާރުން އިންޑިއާއާއި ދެކޮޅު ސިޔާސަތެއް ނުގެންގުޅޭ ކަމެވެ. އަދި ވަކި ގައުމަކާއިއެކު ސިޔާސީ ގުޅުން ގާއިމްކުރުމުގެ މަގުސަދެއް ސަރުކާރުގައި ނެތްކަމެވެ.

ރައީސް ޑރ. މުއިއްޒުގެ އިންޑިއާ ދަތުރުގެ ބައެއް އުސްއަލިތައް:

  • 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ދެގައުމުގެ ދެމެދުގައި ވަނީ އެކުލަވާލާފައި
  • އިންޑިއާގެ ރާޝްތުރިޔާ ރަކްޝާ ޔުނިވަސިޓީއާއި ރާއްޖޭގެ ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓާއި ދެމެދު އެއްބަސްވުމެއް ވަނީ ގާއިމްކޮށްފައި
  • ކޮރަޕްޝަން މަދު ކުރުމަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ވަނީ އެކުލަވާލާފައި

މިކަންކަމުގެ އިތުރުންވެސް އެކި ދާއިރާތަކުން ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.

"ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް. ރާއްޖެއާ އިންޑިއާ އަކީ މިތުރުން" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ހޯމަ ދުވަހު ވިދާޅުވި އެވެ.

ދިވެހިރާއްޖެ އޮތީ މާލީ ގޮތުން ދަތި ހާލަތެއްގަ އެވެ. އިގްތިސޯދު ފުޅާކުރުމަށް ދިވެހި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ. މިފަދަ ދަނޑިވަޅެއްގައި އަވައްޓެރި ގައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

އިންޑިއާ އަކީ ތަރައްގީވަމުން އަންނަ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސޯދެވެ. މާލީ ގޮތުން ތަނަވަސް އަދި ވަސީލަތުގެ ގޮތުންވެސް މުއްސަނދި ގައުމެކެވެ. މިއާއެކު އެގައުމުން ދިވެހިންނަށް ފޯރުކޮށްދޭ ކޮންމެ އެހީއަކީ މުހިންމު އެހީ އެކެވެ. ދިވެހިން އެންމެ ބޮޑަށް އެހީތެރިކަމަކަށް ބޭނުންވި ދުވަހު މިފަހަރުވެސް އެންމެ ފުރަތަމަ އެކަމަށް މަރުހަބާ ކިޔާފައި މިވަނީ އިންޑިއާ އިންނެވެ. މިއީ ދިވެހިންނަށްޓަކައި އިންޑިއާގެ ލޯބި ހާމަކޮށްދިން ކަމެކެވެ.

Ads by HDC