މޫނު ބުރުގާ އަޅައިގެން ކިޔެވުމުގެ ހައްގު ލިބޭނެ ކަމަށް ރައީސް ދެއްވި ޔަގީން ކަމަށް ކޯޓުން ރިއާޔަތްކޮށްފި
މޫނު ބުރުގާ އަޅައިގެން އުނގެނުމާއި ވަޒީފާ އަދާކުރުމުގެ ހައްގު ލިބޭނެ ކަމަށް ރައީސް ޑރ. މުހަައްމަދު މުއިއްޒު ދެއްވި ޔަގީން ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ރިއާޔަތްކޮށްފި އެވެ.
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގު ހިމާޔަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ވިދާޅުވެފައި ވަނީ އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް ހެދުން އަޅާ ނަމަ، އެ މީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދާ އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަން ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
ސްކޫލުގެ ޔުނީފޯމް ކޯޑާ ހިލާފަށް އަރަބިއްޔާގައި ކިޔަވާ ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރުމަށް ބެލެނިވެރިންނަށާއި ދަރިވަރުންނަށް އަންގައިދޭން އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން އެދުނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. އެކަމާ ގުޅިގެން އެ ދަރިވަރުންނަށް ތައުލީމު ހާސިލުކުރުމުގެ ފުރުުސަތު ގެއްލުމާ ގުޅިގެން ދައުލަތާ ދެކޮޅަށް އެ ދަރިވަރުންގެ ބެލެނިވެރިން ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
މައްސަލަ އާ ގުޅިގެން އިއްޔެ ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ބެލެނިވެރިންގެ ފަރާތުން ބުނީ ސަރުކާރު ބަދަލުވުމާ މޫނު ބުރުގާ އަޅައިގެން ކިޔެވުމަށް އަދި ވަޒީފާ އަދާކުރުމުން މަހުރޫމް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުން ވެސް އެ ޔަގީންކަން އެގޮތުގެ މަތިން ދޭނަމަ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުން ނެތް ކަމަށެވެ. ދައުލަތުން ބުނެފައި ވަނީ އޭރު ވެސް އަދި މިހާރު ވެސް އަމަލު ކުރަނީ ކުދިންގެ ތައުލީމަށް ހުރަސް އެޅޭ ގޮތަށް ނޫން ކަމަށެވެ.
މައްސަލައިގެ ތެރެއިން އެދިފައިވާ ފަރުވާއަކީ ނަގައިދެވޭނެ ފަރުވާއަކަށް ނުވާތީ ދައުލަތުން އެދިފައި ވަނީ މައްސަލަ ބޭރުކޮށް ދިނުމަށެވެ. ދައުލަތުން އެގޮތަށް ބުނުމާ އެކު ބެލެނިވެރިންގެ ފަރާތުން ވެސް ބުނީ މޫނު ބުރުގާ އަޅައިގެން ކުދިންނަށް ކިޔެވުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށެވެ. ސިވިލް ކޯޓުން ނިންމީ ދައުވާގެ ހުސޫމަތް ނިމުމަކަށް އައިސްފައިވާތީ މައްސަލާގައި ކޯޓުން ނިންމާނެ ކަމެއް ނެތް ކަމުގަ އެވެ.