ޚަބަރު އިޖުތިމާޢީ

ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމުގެ އާދައަކީ އާލާކޮށް ދަމަހައްޓަން ޖެހޭ ކަމެއް: އާޒިމް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މުބާރާތުގެ ބައިވެރިއަކަށް މޭޔަރު އާޒިމް އިނާމް ހަވާލުކޮށްދެއްވަނީ / ފޮޓޯ:މާލެ ސިޓީ ކައުންސިލް

ގަދީމީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމުގެ އާދައަކީ މުޖުތަމައަށް ދިރުން ގެނައުމަށް ދިރުވައި އާލާކޮށް ދަމަހައްޓަން ޖެހޭ ކަމެއް ކަމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މާލެ ސިޓީ ކައުންސިލުން ވަނީ މިދިޔަ ރޯދަ މަހު ގުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ދެ މުބާރާތުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ދެ މުބާރާތުގައި ލިބުނު އިނާމަށް ވުރެ އަގު ބޮޑެތި އިނާމުތަކެއް ދަރިވަރުން ހާސިލުކޮށްފައިވާ ކަމަށެވެ. މުބާރާތުގައި ދަރިވަރުން ވާދަކުރާނީ އެތައް ފަހަރަކު ފަރިތަކުރުމަށް ފަހުގައި ކަމަށެވެ. އެގޮތަށް ކުރާއިރު ކޮންމެ ފަހަރަކު އެތައް ސަވާބެއް ލިބޭނެ ކަމަށް ނަބަވީ އިރުޝާދުން ސާބިތުވާ ކަމަށެވެ. އެކަމުގެ ފައިދާ އެއަށް އެންމެ ބޭނުން ޖެހޭ ދުވަހު ކުރާނެ ކަމަށެވެ.

"ކަލްކިއުލޭޓަރު ހިފައިގެން ހިސާބު ކޮށްފި ނަމަ، ގުރުއާން މުބާރާތުގައި ބައިވެރިވި ކޮންމެ ދަރިވަރަކަށް އެތައް ލައްކަ ސަވާބު. ބައެއް ދަރިވަރުންނަށް، މިލިޔަނުން ގުނާ ވަރަށް ސަވާބު ލިބޭނެ. މި ޒަމާނުގެ ބަހުރުވައަކުން ދަންނަވާނަމަ މިއީ، އުނިވުމެއް ނެތް ސޭވިން އެކައުންޓަކަށް ޖަމާވާ ސަވާބު،" އާޒިމް ވިދާޅުވި އެވެ.

ވިދާޅުވި ގޮތުގައި މި ފަދަ މުބާރާތްތައް މާލެ ސިޓީ ކައުންސިލުން އިންތިޒާމު ކުރަނީ ހަމައެކަނި ކައުންސިލުގެ މެންޑޭޓުގައި އެކަން ކުރުމަށް ހިމެނޭތީ ނޫން ކަމުގަ އެވެ. މުބާރާތްތައް ބޭއްވުމުގައި އޮތީ އެއަށް ވުރެ މާ މަތިވެރި މާތް މަގުސަދެއް ކަމުގަ އެވެ. އެއީ ދީނަށް ލޯބިކުރާ ޖީލެއް ބިނާ ކުރުމުގައި ސިޓީ ކައުންސިލުން ވެސް ބައިވެރިވުން ކަމުގަ އެވެ. ފާހަގަ ކުރެއްވީ މި އަހަރު ވެސް މުބާރާތް އޮންނާނެ ކަމުގަ އެވެ.

ކީރިތި ގުރުއާން އުނގެނުމަކީ އެންމެ ގަދީމީ ޒާމާނުގައި ވެސް ދިވެހިންގެ އަގީދާ އާއި އާދަކާދައިގައި އެންމެ ބޮޑަށް ބިންވަޅު ނެގިފައިވާ އެއް އަސާސް ކަމުގަ އެވެ. ތައުލީމު އުނގެނޭނެ ވަސީލަތެއް ނެތުމުގެ ސަބަބުން ތައުލީމު ފޯރުކޮށް ނުދެވުނު، ގަދީމީ ޒަމާނުގައި ވެސް ދަރިންނަށް ގުރުއާން އުނގަންނައި ދިނުމަށް ބެލެނިވެރިން ވަރަށް ބޮޑަށް އިސްކަންދިން ކަމުގަ އެވެ.

ގުރުއާނާއި މަދަހަ މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:މާލެ ސިޓީ ކައުންސިލް

ތާރީހުން މިސާލު ނަންގަވައި މޭޔަރު ވިދާޅުވީ ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރަކުން ވެސް އަދި އަމިއްލަ ވަކި ފަރުދުން ވެސް ތައުލީމުގެ އެންމެ މުހިންމު މަސްދަރެއް ކަމުގައި ހުރިހާ ޒަމާނެއްގައި ވެސް ބަލަމުން އައީ ކީރިތި ގުރުއާން އުނގަންނައި ދިނުމަށްކަން އެނގޭ ކަމަށެވެ. ރަށްރަށުގައި ތައުލީމު އާންމުކޮށް ފެތުރިގެން ނުދާއިރު، ކޮންމެ ރަށެއްގައި ވެސް އެތައް އެދުރުގެ ހުރި ކަމަށެވެ. އެ ތަންތަނަށް ނުދާ، ގުރުއާން ކިޔަވަން ނޭނގޭ ކުދިންނާ މެދު މުޖުތަމައުން ދެކުނީ ވަރަށް ދަށް ނަޒަރުން ކަމަށެވެ. ކޮންމެ ރެއެއްގެ މަގުރިބު ނަމާދާ އިޝާ ނަމާދާ ދެމެދު ރަށުގެ މާހައުލު ގުގުމާފައި އޮންނަނީ ގުރުއާނުގެ މޫރިތި އަޑުން ކަމަށެވެ.

"މި ހުރިހާ ކަމަކުން ވެސް އަންގައިދެނީ ދިވެހިންގެ ހިތުގައި، ޒަމާނުއްސުރެ ކީރިތި ގުރުއާނަށް އޮންނަ ލޯތްބާއި ގަދަރު. ރީތިކޮށް ކީރިތި ގުރުއާން ކިޔަވަން އިސްކަންދޭ މިންވަރު،" އާޒިމް ވިދާޅުވި އެވެ.

މިއަދު ދަރިންނަށް ގުރުއާން އުނގަންނައި ދިނުމަށް، ސްކޫލުން ކިޔަވައިދޭ މިންވަރަށް ވުރެ އިތުރަށް ކިޔަވައި ދިނުމަށް ގުރުއާން ކުލާހަކަށް ދަރިފުޅު ފޮނުވާ ކަމުގައި އާޒިމް ވިދާޅުވި އެވެ. ނުވަތަ ގުރުއާން މުދައްރިސަކު ގެއަށް ގެނެސްގެން އުނގަންނައި ދިނުމުގެ މަސައްކަތްކުރާ ކަމަށެވެ. އެކަން ކުރުމުގައި ބެލެނިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކުރެއްވި އެވެ.

އާޒިމް އިތުރަށް ވިދާޅުވި ގޮތުގައި އިންސާނުން މުޖުތަމައެއްގެ ގޮތުގައި އުޅެމުން އަންނައިރު، އެ ބައެއްގެ ތެރޭގައި އާދަކޮށް ކުރަމުން އަންނަ ކަންތައް ބަދަލު ވަނީ އާދަކާދައަށް ކަމުގަ އެވެ. އެ އާދަކާދަ އެއްވުމުން އުފެދެނީ ސަގާފަތެއް ކަމުގަ އެވެ. އާދަކާދަ އާއި ސަގާފަތުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ ޒަމާނާ ގުޅިގެން ބަދަލު ގެންނަން ޖެހޭ ނުވަތަ ދޫކޮށްލަން ޖެހޭ ކަންތައްތައް ކަމުގަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ގަދީމީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް، ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމުގެ އާދާކާދައަކީ، ދިރުވައި އާލާކޮށް ދަމަހައްޓަން ޖެހޭ އާދަކާދައެއް،" އާޒިމް ވިދާޅުވި އެވެ.

އެ ޒަމާނެއެކޭ އެއްގޮތަށް، ކީރިތި ގުރުއާނުގެ މޫރިތި އަޑުން މި މުޖުތަމައަށް ދިރުން ގެނައުމަށް ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމުގެ އާދަކާދަ ދިރުވައި އާލާކުރުމަށް އެންމެހާ ފަރާތްތަކަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!