ކޫއްޑޫ އެއާޕޯޓް ރަންވޭގެ މައްސަލަ ހައްލުކޮށް، ވަރަށް އަވަހަށް ހުޅުވާނަން: އަމީން

ގއ. ކޫއްޑޫ އެއާޕޯޓް ރަންވޭގެ މައްސަލަ ހައްލުކޮށް، ވަރަށް އަވަހަށް އަލުން ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި އަމީން ވިދާޅުވީ މޯލްޑިވިއަނުން ކޫއްޑޫ އަށްކުރާ ދަތުރުތައް ހުއްޓާލީ ދިގު މުއްދަތެއްގައި އެއާޕޯޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން ކަމަށެވެ.
އަދި މޯލްޑިވިއަންގެ ދެ ބޯޓަކަށްވީ ގެއްލުމާ ގުޅިގެން ކަމަށްވެސް ވިދާޅުވި އެވެ
ދަތުރުތައް ހުއްޓާލީ މިނިސްޓްރީގެ އިސް ނެގުމާއެކު ކަމަށްވެސް އަމީން ވިދާޅުވި އެވެ.
"ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއަރޕޯޓް އޮޕަރޭޓާ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ދަންނަވަން"
އެ މައްސަލަ ހައްލުކުރުމަށް ފަހު ވަރަށް އަވަހަށް އެއާޕޯޓް އާންމުންނަށް ހުޅުވާލާނެ ކަމަށް އަމީންގެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.
މޯލްޑިވިއަން އިން ކޫއްޑޫއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލަން ނިންމާފައިވަނީ އިއްޔެ އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު ވިދާޅުވީ ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ، އެ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ކަމަށެވެ. އަދި އޭގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓެއް ގްރަންޑު ކުރަންޖެހިފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކޫއްޑޫ އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވީ 2012 ވަނަ އަހަރު އެވެ. އެއަށް ފަހު ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާ އެކު ތަރައްގީކޮށް އަލުން ކޫއްޑޫ އެއާޕޯޓު ހުޅުވީ 2017 ވަނަ އަހަރު އެވެ.
2 ރިސޯޓު ކާލައިގެން ރައްޔިތުންނަށް ދޯކާ ދީފި. ހުރިހާ ދެރައެއް ރައްޔިތުންނަށް.