ގަނާކުރުން ބަލައެއް ނުގަންނަން، އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން: މިފްކޯ
ކޫއްޑޫގައި މަސައްކަތްކުރާ އެކުންފުނީގެ މުވައްޒަފަށް ގަނާކުރާ މައްސަލައިގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަަސައްކަތް ކުރަމުން އަންނަ މަމްދޫހު އަބްދުއްސަމަދަށް އެތަނުގައި މަސައްކަތް ކުރަމުންދާ މިފްކޯގެ މުވައްޒަފުން ގަނާކުރާ މައްސަލަ ހާމަކޮށްފައި ވަނީ މީސްމީޑިއާގައި އާންމުކުރި ޕޯސްޓެއްގަ އެވެ.
އޭނާގެ ކޮއްކޮ ދިޔާނާ މުހައްމަދާ ހަވާލާދީ އެ ޕޯސްޓުގައި ބުނީ ކޫއްޑޫގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާ އަށް ގަނާކުރާ ކަމަށެވެ.
ދިޔާނާ ސިފަކުރި ގޮތުގައި އެ މުވައްޒަފުން އަބަދުހެން ކަމަކަށް އޮންނަނީ މަމްދޫހަށް އުދަނގޫކުރުމެވެ.
"އަހަރެން ހަދަންވީ ގޮތެއް އަހަންނަކަށް ނޭނގެ އެވެ. އެމީހުންނަށް ރަނގަޅު އެއްގޮތެއް ވެސް ނޯވެ އެވެ. އެމީހުން އަހަރެން ދުރުން ފެނުނަސް ކާކުކަން ނޭނގޭ ގޮތަށް އަޑުބަދަލު ކޮށްގެން 'އަބަރާ، ގައްލޮލާ' ފަދަ އަހަރެން ރުޅި އަންނަ އެތައް އެތައް ޒާތެއްގެ ނަމަކުން ގޮވާ ހަދަ އެވެ،"
އެމީހުން ދިމާކުރާތީ ކެންޓީނަށް ކާންވެސް މަމްދޫހަށް ނުދެވޭ ކަމަށް ޕޯސްޓުގައި ބުންޏެވެ. ދޮންބެގެ އިހުސާސްތައް ބަޔާންކޮށް ދިޔާނާ ބުނި ގޮތުގައި ދިމާވަމުން އަންނަ ކަންކަމާ ހުރެ މަމްދޫހަށް ރުޅި އިސްކޮށް އެކަން ކުރާ މީހުންނަށް ރައްދުދޭ ކަމުގަ އެވެ.
މުވައްޒަފުން، މަމްދޫހަށް އަނިޔާކުރާ ކަމަށްވެސް ދިޔާނާ ވަނީ ތުހުމަތުކޮށްފަ އެވެ.
"އެމީހުން އެންމެން އެއްޗެކެވެ. މި ކަންކަން ކުރަނީ އެމީހުން އެންމެން އެއްބައިވެގެންނެވެ. އެމީހުންގެ ބޮޑު ގުރޫޕެއް އޮވެ އެެވެ. އަހަރެން އެކަންޏެވެ. އަހަރެންގެ އާރެއް ބާރެއް ނެތެވެ،"
ޕޯސްޓުގައި ބުނީ ދެ އަންހެން ދަރިން ތިބޭ މަމްދޫހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށެވެ. އަދި ފިޓޫ ޖެހޭ ބަލިވެސް ހުންނަ މީހެއް ކަމަށެވެ.
"އަހަރެންގެ ބަލިފަޔަކީ އަހަރެންގެ ނުކުޅެދުންތެރިކަމެވެ. އެމީހުންގެ އުފަލަކަށް ޓަކައި ކޮންމެ ދުވަހަކު އަހަރެންގެ ނަފުސު ގުރުބާން ކުރަން ޖެހެ އެވެ. އަހަރެންގެ ކުށަކީ އަހަރެންގެ ނުކުޅެދުންތެރިކަމެވެ،"
ގަނާ ކުރުމުގެ މައްސަލަ އާ މަމްދޫހު ކުރިމަތިލާތާ އަހަރުތަކެއް ވެފައިވާއިރު، މިފްކޯގެ ސަމާލު ކަމަށް އެކަން އައިސް މައްސަލަ ބަލަން ފަށާފައި ވަނީ ވަކި ފަރާތަކުން ރިޕޯޓުކޮށްގެނެއް ނޫނެވެ. އެ މައްސަލަ ބަލަމުންދަނީ ކުންފުނީގެ ހެޑް އޮފީހުން އިސްނަގައިގެންނެވެ.
މިފްކޯއިން މިއަދު ބުނީ މަމްދޫހަށް ގަނާކުރަމުންދާ މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ކުންފުނިން ބަލަމުންދާ ކަމަށެވެ. މުވައްޒަފުންނަށް ގަނާ ކުރުމާއި އެނޫންވެސް ފުރައްސާރައިގެ އަމަލުތަކަކީ ބޮޑެތި "އިޝޫ" ތައް ކަމަށާއި އެ ކުންފުނިން "ޓޮލަރޭޓް" ކުރާނެ ކަންތައްތަކެއް ނޫން ކަމަށެވެ.
"އަދި މި މައްސަލަ ފުރިހަމައަށް ބެލުމަށްފަހު އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް މި ކުންފުނިން އަޅާނެކަމުގެ ޔަގީންކަން އަރުވަން،" މިފްކޯއިން ބުންޏެވެ.