ގއ. ދެއްވަދޫ އައިސް ޕްލާންޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އިއުލާނުކޮށްފި އެވެ.
ދެއްވަދޫ އައިސް ޕްލާންޓް ހަވާލުކުރި ކަމުގެ ސިޓީ ލިބި، މިފްކޯއިން "އެކްނޮލެޖް" ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ތަނުގެ ހާލަތު ދެނެގަނެ، މިހާރު ކުރަމުން ދަނީ އެ ތަން އޮފަރޭޝަނަށް ގެނައުމަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދެއްވަދޫ އައިސް ޕްލާންޓަށް މިފްކޯއިން ހޯދަން އިއުލާނުކޮށްފައި ވަނީ ތިން ސެމީ ސްކިލްޑް ވޯކަރުންނާއި އެއް ކޭޝިއަރެވެ. ސެމީ ސްކިލްޑް ވޯކަރުންގެ މުސާރައެއްގެ ގޮތުގައި 9979.50ރ ކަނޑައަޅާފައިވާއިރު، ކޭޝިއަރަށް ދިނުމަށް ކަނޑައަޅާފައި ވަނީ 10،201.00ރ އެވެ. އެ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމާ ގުޅޭ ފޯމުތަކާއި ލިޔުންތައް ހުށަހެޅުމަށް މިފްކޯއިން އެދެ އެވެ.
މިފްކޯއިން މި ވަގުތު ހިންގަމުންދާ އައިސް ޕްލާންޓުތައް:
- ހއ. ހޯރަފުށި - 25 ޓަނު (ފްލޭކްސް)
- ރ. މަޑުއްވަރި - 25 ޓަނު (ފްލޭކްސް)
- ކ. ގާފަރު - 25 ޓަނު (ފްލޭކްސް)
- ގދ. ގައްދޫ - 50 ޓަނު (ފްލޭކްސް)
- ތިނަދޫ ސިޓީ - 50 ޓަނު (ބްލޮކް އައިސް)
- ފުވައްމުލައް ސިޓީ - 25 ޓަނު (ފްލޭކްސް)
އޭގެ އިތުރުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަންނަނީ ހިންގަމުންނެވެ. ފެލިވަރުގައި ހިންގަނީ 100 ޓަނުގެ ބްލޮކް އައިސް ޕްލާންޓެކެވެ. ކޫއްޑޫގައި 80 ޓަނުގެ ބްލޮކް އައިސް ޕްލާންޓެއް ހިންގާއިރު އައްޑޫގައި ހިންގަނީ 50 ޓަނުގެ ފްލޭކްސް ޕްލާންޓެކެވެ.
ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން ހިންގަމުން އަންނަ 17 އައިސް ޕްލާންޓުގެ ތެރެއިން މިހާތަނަށް މިފްކޯ އާ ހަވާލުކުރި ތަންތަނުގެ ތެރެއިން މުވައްޒަފުން ނަގަން އިއުލާނުކޮށްފައިވާ ޕްލާންޓުތަކަކީ:
- ބ. ތުޅާދޫ - 25 ޓަނު (ފްލޭކްސް)
- ރ. އަލިފުށި - 25 ޓަނު (ފްލޭކްސް)
- ގއ. ދާންދޫ - 25 ޓަނު (ފްލޭކްސް)
- ގއ. ދެއްވަދޫ - 25 ޓަނު (ފްލޭކްސް)
އެ އައިސް ޕްލާންޓުތަކުގެ އިތުރުން ދ. މީދޫ އާއި އެ އަތޮޅު ބަނޑިދޫގައި އަދި ށ. ފުނަދޫގައި 30 ޓަނުގެ ޓިއުބު ޕްލާންޓެއް އެޅުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.