ޚަބަރު އިޖުތިމާޢީ

ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބަލަނީ ކުށް ގިނަ ވިޔަނުދީ ގުޅިގެން މަސައްކަތްކުރަން: ސީޕީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ދިވެހި ފުލުހުންގެ ހިދުމަތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ ކުށް ގިނަ ވިޔަނުދިނުމަށް މުޖުތަމަ އާ ގުޅިގެން މަސައްކަތް ކުރުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ބ. ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، އެ ޕޯސްޓް ހުޅުވައިދެއްވީ ޝުޖާއު އާއި ރަށު ކައުންސިލުގެ ރައީސް އިބްރާހީމް އަބްދުއްރަަހްމާނެވެ.

ޕޮލިސް ޕޯސްޓް ހުޅުވައިދެއްވައި ދެއްކެވި ވާހަކައިގައި ޝުޖާއު ވަނީ 2016 ވަނަ އަހަރުގެ މެއި ހަ ވަނަ ދުވަހު ކެންދޫގައި ޕޮލިސް ޑެސްކުން ފެށި ފުލުހުންގެ ހިދުމަތް މިއަދު ޕޮލިސް ޕޯސްޓަކަށް ތަރައްގީކުރެވިގެން ގޮސްފައިވާތީ ރަށުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފަ އެވެ. ވިދާޅުވީ ކެންދޫ އަކީ ކުށް މަދު އަމާން މުޖުތަމައެއް އޮންނަ އިޖުތިމާއީ ގުޅުން ބަދަހި ރަށެއް ކަމަށެވެ. އަދި ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފި ނަމަ ކުށް މަދު ގައުމަކަށް މި ގައުމު ވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުވުން މުހިންމު ވަނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް، ގާނޫނު ތަންފީޒު ކުރުމުގެ އިތުރުން ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

"މިއަދު މި ހުޅުވޭ ފުލުހުންގެ މަރުކަޒަކީ މި ހުރިހާ ކަމެއް ޔަގީން ކުރުމަށް ހުޅުވޭ ދޮރާއްޓެއް. މިއަދު ދިވެހި ފުލުހުންގެ ހިދުމަތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ ކުށްވިޔަ ނުދިނުމަށް މުޖުތަމަ އާ ގުޅިގެން މަސައްކަތްކުރުން،" ޝުޖާއު ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި ކުށް ފާޅުވުމުގެ ކުރިން، ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތް ކުރުމާއި ރައްޔިތުންނާއި ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާތަން ކެންދޫއިން ފެނިގެންދާން ބޭނުންވާ ކަމުގަ އެވެ.

ގާނޫނު އަސާސީންނާއި ގާނޫނުތަކުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތަކާ އަދި ތަމްރީނުތައް ހޯދައިދިނުމަކީ އަމާޒެއް ކަމުގަ އެވެ. ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށް ވުރެ ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކޮށް ހިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމުގަ އެވެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހޯމްލޭންޑް މިނިސްޓަރު ދެއްވާ ހާއްސަ ސަމާލު ކަމަށް ފުލުހުންގެ ނަމުގައި ޝުޖާއު ޝުކުރު އަދާކުރެއްވި އެވެ.

ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ސާވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މޫސާ އަލީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހް އަދި ކެންދޫ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކެންދޫ ޕޮލިސް ޕޮލިސް ޕޯސްޓް ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެ އެވެ.

Ads by Ooredoo