ޚަބަރު ސަރުކާރު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޝަރަފުވެރި އެވޯޑުތައް ރައީސް ހަވާލުކޮށްދެއްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް، ސްޕޯޓްސް އެވޯޑްސްގެ އެންމެ ޝަރަފުވެރި ދެ އެވޯޑު ހާސިލުކުރި ދީމާ އާއި ޝައްފާން އާއެކު ހާއްސަ ހަނދާނީ ފޮޓޯއެއް ނަންގަވަނީ / ފޮޓޯ:ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' ގެ އެންމެ ޝަރަފުވެރި އެވޯޑުތައް ހަވާލުކޮށްދެއްވައިފި އެވެ.

Ads by STELCO

ރައީސް މި އެވޯޑުތައް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' ގެ ނަމުގައި ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ހާއްސަ ހަފުލާގަ އެވެ.

އެ ހަފުލާގައި ރައީސް ވަނީ 'ލައިފްޓައިމް އެޗީވްމަންޓް އެވޯޑް' ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ. މި އަހަރު ލައިފްޓައިމް އެވޯޑު ލިބިވަޑައިގެންފައި ވަނީ އަލްމަރްހޫމް އަހްމަދު ހާފިޒުގެ ހަނދާނަށާއި އަބްދުއްސައްތާރު ހަސަނަށެވެ.

މީގެ އިތުރުން 'ސްޕޯޓްސްވުމަން އޮފް ދި އިޔަ- ގޯލްޑް' ހާސިލުކުރި ފާތިމަތު ދީމާ އަލީ އަށާއި 'ސްޕޯޓްސްވުމަން އޮފް ދި އިޔަ- ސިލްވަ' ހާސިލުކުރި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް އަދި 'ސްޕޯޓްސްވުމަން އޮފް ދި އިޔަ- ބްރޮންޒް' ހާސިލުކުރި އާމިނަތު ނަބީހާ އަބްދުއްރައްޒާގަށް އެވޯޑު ހަވާލުކޮށްދެއްވި އެވެ.

އެ އެވޯޑުތަކުގެ އިތުރުން 'ސްޕޯޓްސްމަން އޮފް ދި އިޔަ- ގޯލްޑް' ހާސިލުކުރި މުހައްމަދު ޝައްފާން އިސްމާއިލަށާއި 'ސްޕޯޓްސްމަން އޮފް ދި އިޔަ- ސިލްވަ' ހާސިލުކުރި އަޒްނީން ރަޝާދު އަދި 'ސްޕޯޓްސްމަން އޮފް ދި އިޔަ- ބްރޮންޒް' ހާސިލުކުރި ނިބާލް އަހްމަދަށް ވެސް އެވޯޑު ހަވާލުކޮށްދެއްވީ ރައީސް އެވެ.

އެވޯޑު ހަވާލުކުރެއްވުމަށްފަހު ރައީސް ވަނީ ހަފުލާގައި އެންމެ ޝަރަފުވެރި ދެ އެވޯޑު ހާސިލުކުރި ދީމާ އާއި ޝައްފާން އާއެކު ހާއްސަ ހަނދާނީ ފޮޓޯއެއް ނަންގަވައިފަ އެވެ.

ސްޕޯޓްސް އެވޯޑްސް ހަފުލާގައި ރައީސްގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެން ބައެއް ހާއްސަ އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެ އެވެ. އަދި ކުޅިވަރު ދާއިރާގެ ކުރިއެރުމަށް ރާއްވަވާފައިވާ އަދި ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ހަފުލާގައި ވާހަކަ ދައްކަވާފަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ހިދުމަތްކޮށްދެއްވާފައިވާ އަދި ހިދުމަތްކޮށްދެއްވަމުންދާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ހާއްސަކޮށްގެން ބާއްވަމުންދާ އެންމެ ޝަރަފުވެރި އިހްތިފާލެވެ.

Ads by HDC