އަންނަ އަހަރުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވާ ތެލެސީމިއާ ކުދިން ސްކްރީން ކުރަން ފަށައިފި އެވެ.
ހެލްތް މިނިސްޓަރު އަބްދު ﷲ ނާޒިމް އިބްރާހީމް ތެލެސީމިއާ މާސްޓާ ޕްލޭން އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މެދުކެނޑިފައި އޮތް ބޯންމެރޯ ޓްރާންސްޕްލާންޓު ކުރުމުގެ ފުރުސަތު މިއަހަރު އަލުން ފަށައި މިހާތަނަށް 14 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.
ތެލެސީމިއާގެ ހާލަތު ރަނގަޅު ކުރުމަށް މިދިޔަ 10 މަސް ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެގޮތުން ތެލެސީމިއާ ކުދިން ސްކްރީނު ކުރުމާއި ސްކޫލް ކުދިން ބައްޔަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ. އަދި 4 ތަނެއްގައި ބްލަޑް ބޭންކް ޤާއިމުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ދަނީ ހިލޭ އެހީގައި ރާއްޖޭގެ ތެލެސީމިއާ ހުރިހާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލޭޓް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެތަކަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އަދި ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ކުދިން ބޯންމެރޯ ހަދަން ފޮނުވުމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތައް ހުޅުމާލޭގައި ތަރައްގީކުރާ ތެލެސީމިއާ ހޮސްޕިޓަލުގައި ބޯންމެރޯ ހެދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ތެލެސީމިއާ އެންޑް ހެމޮގްލޮބިނޯޕަތީސް ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި މެލޭޝިއާގެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގަ އެވެ.
އެގޮތުން އާއިލާ ތެރެއިން ބޯންމެރޯ ޑޯނަރެއް ލިބިފައިވާ، ބޯންމެރޯ ހެދުމަށް ޝަރުތު ހަމަވާ 40 ކުދިން މިވަގުތުވެސް ލިސްޓްކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެ އެވެ.
ރާއްޖޭގައި ތެލަސީމިއާ ބަލިމީހުންގެ ގޮތުގައި 943 މީހަކު ދަފްތަރުކޮށްފައިވެ އެވެ. އޭގެތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 655 ތެލަސީމިއާ މީހުންނާއި ކުދިންނެވެ.
ތެލަސީމިއާ ބަލިމީހުންނަކީ އެމީހުންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި ދަށްކުރުމަށް ދާއިމަށް، ފަރުވާ ހޯދަންޖެހޭ ބަޔަކަށްވީއިރު، ތެލަސީމިއާ ބައްޔަށް އޮތް ދާއިމީ ފަރުވާއަކީ، ބޯންމެރޯ ހެދުމެވެ.