އަނބިދަރީންނަށް ރިޒުގު ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރުމަކީ މާތް الله ގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް ކަމަށާއި އެކަން ނުކުރާ މީހުންނަށް ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
އަނބިދަރީންނަށް ހަރަދު ކުރުމުގެ މައްޗަށް އަލިއަޅުވާލާ ހުތުބާގައި ބުނީ އަންހެނުންގެ ތެރޭގައި ހިމެނޭ ޝަރަފުވެރި އެއް ބަޔަކީ އަނބިމީހާ ކަމަށެވެ. ޒަވާޖީ ހަޔާތުގެ ބައިވެރިޔަކީ އެއީ ކަމަށެވެ. މާތް الله ވަނީ އޭނާއަށް ނަފަގާތު ދިނުމަށާއި ބޯހިޔާވަހިކަން ތަނަވަސްކޮށް ދިނުމަށް ފިރިމީހާގެ މައްޗަށް އަމުރުކުރައްވާފައިވާ ކަމަށެވެ.
ނަބިއްޔާ ތަފާތު މުނާސަބަތުތަކުގައި ތަފާތު ތަންތަނުގައި އަނބިމީހާއަށް ހެޔޮކޮށް ހިތުމަށް ފަށްފަށުން ގޮވާލައްވާފައިވާ ކަމަށެވެ. އެކަލޭގެފާނު މި ދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި އެންމެފަހުން ކުރެއްވި ވަސިއްޔަތްޕުޅުގައި ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ދަންނާށެވެ! އަދި ތިޔަބައިމީހުން އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިމަން ކަލޭގެފާނު ކުރައްވާ ވަސިއްޔަތް ގަބޫލު ކުރާށެވެ!"
އަންހެނުންނަށް ހެޔޮކޮށްހިތުމަށާއި ރިވެތި އަހުލާގުން މުއާމަލާތު ކުރުމަށް އިރުޝާދު ދެއްވާފައިވާ ރަސޫލާގެ ބަސްފުޅުތަކަކީ ކީރިތި ގުރުއާނުގެ ވަހީ ބަސްފުޅުތައް އިތުރަށް ކަށަވަރުކޮށްދޭ ބަސްފުޅުތަކެކެވެ. ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
"އީމާންކަން އެންމެ ފުރިހަމަ މުއުމިނުންނަކީ އެންމެ ހުލުގު ރިވެތި މީހުންނެވެ. އަދި ތިޔަބައިމީހުން ކުރެ އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާ އެވެ."
އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ ގޮތުން ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ހަރަދުކުރުމަކީ އޭނާގެ މައްޗަށް މާތް الله ވާޖިބުކުރައްވާފައިވާ ކަމެކެވެ. މިއަދުގެ ހުތުބާގައި ބުނި ގޮތުގައި އަނބިދަރީންނަށް ރިޒުގު ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރުމަކީ الله ގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް ކަމުގަ އެވެ.
ސަދަގާތަކީ ފަގީރުންނަށާއި މިސްކީނުންނަށް އެކަނި ދެވޭ އެއްޗެއް ކަމަށް ބައެއް މީހުން ހީކުރި ނަމަވެސް ކަން އޮތީ އެގޮތަށް ނޫން ކަމުގަ އެވެ. الله ގެ ވަޖުހުފުޅު އަދައިގެން ހޭދަކުރާ ކޮންމެ ހޭދައަކީ ދަރުމަ ލިބެނިވި ކަމެެއް ކަމުގަ އެވެ.
އަނބިދަރީންނަށް ހޭދަކުރުމަކީ ގިނަގުނަ ސަވާބާއި ދަރުމަހުރި ކަމެއް ކަމުގަ އެވެ. ކައު އިތުރު ރަސޫލާގެ ހަދީސް ބަސްފުޅުގެ މުރާދެއް ބަޔާންކޮށް ހުތުބާގައި ބުނީ އަނބިދަރީންނަށް ހޭދަކުރުމަކީ އެންމެ ހެޔޮ ހޭދަކުރުން ކަމަށެވެ. މާތް الله އެންގެވި ގޮތުގެ މަތިން އެކަނލާނގެ މަގުގައި ހޭދަކުރުމަކުން އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ. މާތް الله އެކަމަށް ބަދަލުދެއްވައި ތަނަވަސްކަން އިތުރުކޮށްދެއްވާނެ ކަމަށެވެ.
ހޭދަކުރަން ޖެހޭ މީހުންނަށް ހޭދަނުކޮށް މުށްބާރުކުރާ މީހުންނަށް އިންޒާރުދެއްވާ ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އެ މީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހާއަށް ކާންބޯން ނުދީ ހިފެހެއްޓުން، އޭނާއަށް ފާފައަކަށް ފުދެ އެވެ."
ހުކުރު ހުތުބާގައި ބުނި ގޮތުގައި ފިރީންނަކީ މާތް الله ވަރަށް މަތިވެރި އަމާނާތެއް ހަވާލުކުރައްވާފައިވާ ބަޔެއް ކަމުގަ އެވެ. އޭނާއަށް ހަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީން ކަމުގަ އެވެ. އަނބިދަރީންނަށް ހަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމަކަށްވާއިރު، އެ ވާޖިބު އަދާކުރުން މަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއް ކަމުގަ އެވެ.
އެހެންނަމަވެސް، ފިރިމީހާގެ މުދަލުން އަނބިދަރީންނަށް ހޭދަނުކުރާ ނަމަ އޭނާގެ އިޒުނަ އާ ނުލައި އަސާސީ ހާޖަތްތައް ފުއްދޭ މިންވަރަށް އެ މުދަލުން ނަގައި ހޭދަކުރުން އަނބިމީހާއަށް ހުއްދަވާނެ ކަމުގަ އެވެ. އަދި އެކަމަކީ ވައްކަމަކަށް ނުވާނެ ކަމުގަ އެވެ.
އިތުރަށް ބުނީ ހިތާމައަކީ މިހާރަކަށް އައިސް ބައެއް ފިރިން އަނބިދަރީންނަށް ހަރަދުނުކޮށް، އެ ކަމަށް އިހުމާލުވަމުންދާކަން ކަމަށެވެ. އަދި ދެމަފިރިން ވަރިވުމަށްފަހު، ދަރިންނަށް ހަރަދުނުދީ ފިލައިގެން އުޅޭ މީހުން ވެސް މަދު ނޫން ކަމަށެވެ.
"ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭން ޖެހޭ ހަރަދު ނުދީ އުޅޭ މީހުން ވެސް މަދެއް ނޫނެވެ. މިއީ އިންތިހާއަށް ހިތާމަކުރާން ޖެހޭ ކަމެކެވެ. މި ކަންކަމާ ބެހޭގޮތުން ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ އެވެ،"
ވުމާ އެކު މި ގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވެ، މާތް الله ގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.