ރައީސަށް އީސީ އާއި އޭސީސީގެ ރައީސްއާއި ނާއިބު ރައީސްވެސް އައްޔަނުކުރެވޭ އިސްލާހެއް

އިލެކްޝަންސް ކޮމިޝަންއާއި އޭސީސީގެ ރައީސްއާއި ނާއިބު ރައީސްވެސް ރައީސުލްޖުމްހޫރިއްޔާއަށް އައްޔަނުކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެންނަން ދެ ބިލު ރައްޔިތުންގެ މަޖީލިހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ދެ ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިއީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް ކޮމިޝަންތަކަށް އައްޔަނުކުރާ މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސްއާއި ނާއިބު ރައީސްގެ މަގާމަށް މެމްބަރުން އައްޔަނުކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަ ކުރުމަަށްޓަކައި ގެންނަ އިސްލާހުތަކެއް ކަމަށް ދެ ބިލުގައި ވެސް ބުނެފައިވެ އެވެ.
ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ދަށުން އޭސީސީއާއި އީސީގެ ރައީސް އަދި ނާއިބު ރައީސް އައްޔަނުކުރަން ވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އެއީ އެ ދެ ކޮމިޝަންގެ ރައީސްއާއި ނާއިބު ރައީސްއަށް އައްޔަނުކުރައްވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު މަޖިލީހުގެ އަހުލަބިއްޔަތުން ފާސްުކުރުމުންނެވެ.
މިހާރު ގާނޫނުގައިވާ ގޮތުން ދެ ކޮމިޝަންގެ ރައީސްއާއި ނާއިބު ރައީސް ހޮވަނީ ދެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.