ދަރިމައިވުމުގެ މައްސަލައަކީ ދިވެހިރާއްޖޭގައި އަދިވެސް ވަރަށް ހައްސާސް ކަމެއް ކަމަށާއި މިއާ އެކުގައި ވެސް އަންހެނުންނަކީ މުޖުތަމައު ބިނާ ކުރުމުގެ ބޮޑު ޒިންމާއެއް ކޮނޑުގައި އަޅައިގެން އުޅެމުންދާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގައި ބޭއްވި ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގެ ޝަރަފުވެރިމެހެމާނުގެ ހައިސިއްޔަތުން ކުރެއްވި ކީނޯޓް ތަގުރީރުގައި ވަނީ ސިއްހީ ހިދުމަތާއި އަންހެނުން ބާރުވެރި ކުރުވުމާއި ތައުލީމު ކުރިއެރުވުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ދިނުމުގެ މުހިންމު ކަމަށް ވަކާލާތު ކުރައްވާފަ އެވެ.
ސާޖިދާ ދެއްކެވި ވާހަކަގައި ވަނީ މެކް ފައުންޑޭޝަނުން ކުރިއަށް ގެންދާ "މޯ ދޭން އަ މަދަ" ކެމްޕެއިން ހަރަކާތްތަކަށް ތައުރީފު ކުރައްވާފަ އެވެ. އެކަމަނާ ވިދާޅުވީ ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގައި އަދިވެސް ވަރަށް ހައްސާސް ކަމެއް ކަމަށާއި މިއާ އެކުގައި ވެސް އަންހެނުންނަކީ މުޖުތަމައު ބިނާ ކުރުމުގެ ބޮޑު ޒިންމާއެއް ކޮނޑުގައި އަޅައިގެން އުޅެމުންދާ ބައެއް ކަމަށެވެ.
އާސަންދަ ޕަބްލިކް ހެލްތު އިންޝުއަރެންސް ސްކީމްގެ ތެރެއިން ފަރުވާ ފޯރުކޮށްދީ، އައިވީއެފް ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އޭއާރުޓީ) އިތުރަށް ފަސޭހަކޮށްދިނުމަށް މި ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.
ރައީސްގެ އަނބިކަނބަލުން ވަނީ "މޯ ދޭން އަ މަދަ" ކެމްޕެއިން ރާއްޖެއަށް ތައާރަފު ކުރެއްވުމަށް ބޭނުންވާ ކަމަށާއި މި ކެމްޕެއިންގެ ސަބަބުން ދަރިމައިވުމާ މެދު މުޖުތަމައުގެ ވިސްނުން އަދު ހުރި ގޮތް ބަދަލުވެ، ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި ކެންސަރުން ރައްކާތެރިވުމާއި ފަރުވާ ދިނުމާއި ތައުލީމު ކުރިއެރުވުމާއި އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ މުހިންމު ކަންކަމުގެ މައްޗަށް އެކަމަނާގެ ތަގުރީރުގައި އަލިއަޅުއްވާލެއްވި އެވެ.
ސާޖިދާގެ ވާހަކަ ނިންމަވާލައްވަމުން ދުޅަހެޔޮ، ހަމަހަމަ ދުނިޔެއެއް ބިނާކުރުމަށް މެކް ފައުންޑޭޝަނާ ގުޅިގެން އިތުރަށް މަސައްކަތް ކުރެއްވުމަށް ބޭނުންވާކަން ހާމަކުރެއްވި އެވެ.