ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރާ މުޅި މަޖިލީސް ކޮމިޓީއިން ފާސްކޮށްފި
ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރާ މުޅި މަޖިލީސް ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.
ވޭޕާއި ސިނގިރޭޓުން ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު, އިގްތިސޯދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީ ދިރާސާކުރުމަށްފަހު މުޅި މަޖިލިސް ކޮމިޓީއަށް މިއަދު ހުށަހެޅި އެވެ.
މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ސަބް ކޮމިޓީއިން އެ ބިލު ދިރާސާކޮށް ނިންމާފައިވާއިރު, ކޮމިޓީ ރިޕޯޓް މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި އެވެ. އެ ރިޕޯޓުގައި ވަނީ އާންމުންގެ ހިޔާލާއެއްގޮތަކަށް އެ ބިލް ދިރާސާކޮށް ބަދަލުތަކެއް ހުށަހަޅާފަ އެވެ.
އެ ރިޕޯޓަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅީ އެ ބިލުގައިވާ ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) 50 އިންސައްތަ އަދި ސްޓިކްއަކުން 8 ރުފިޔާ ނެގުމަށެވެ.
އިސްލާހަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއީދުކުރެއްވި އެވެ.
އެ އިސްލާހަށް 69 މެންބަރު ވޯޓު ދެއްވިއިރު އިސްލާހަށް އެއްވެސް ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ހިމެނެ އެވެ.
ދެން ފަލާހު ހުށަހެޅުއްވީ އިލެކްޓްރޯނިކް ސިނގިރޭޓާއި މިފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް (ޑިވައިސަސް) އާއި އެ އެއްޗެހީގެ ބައިބައި 200 އިންސައްތައަށް ހެދުމަށެވެ.
އެ އިސްލާހަށް ވެސް ޝުޖާއު ތާއީދުކުރެއްވި އެވެ.
އެ އިސްލާހަށް 67 މެންބަރު ވޯޓު ދެއްވިއިރު އިސްލާހަށް އެއްވެސް ގޮތަކަށް ވޯޓު ނުދެއްވާ ތިން މެންބަރަކު ހިމެނެ އެވެ.
އިސްލާހުތަކާއެކު އެ ބިލު ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އެ ބިލަށް ވޯޓު ނުދެއްވާ 6 މެންބަރަކު ހިމެނެ އެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން އެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15 އިން ފެށިގެން މަނާ ކުރަން ނިންމާފައިވާއިރު މި ޑިއުޓީ ނަގަނީ އޭގެ ކުރިން އެތެރެކުރާ ތަކެތިންނެވެ.
ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެންބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަން ވެސް ވަނީ ނިންމާފަ އެވެ.
ބިލުގައި ބުނެފައިވަނީ ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން ޑިއުޓީ ގޮތުގައި އަށް ރުފިޔާ ނަގާނެ ކަމަށާއި ވޭޕްފަދަ ތަކެއްޗަށް އަޅާ ފްލޭވާތަކުން ކޮންމެ މިލި ލީޓަރަކަށް އަށް ރުފިޔާގެ މަގުން ޑިއުޓީ ނަގާނެ ކަމަށެވެ.
ކަލޭމެން މަޖިލީހުގަ ތިބެ ކޮންމެ ބިލަކަށް ފައިސާ ނެގިޔަސް އަހަރުންނަކަށް ނުލިބޭ އެވަރަށް ފައިސާއެއް ސިނގިރެޓް މިހާރު ވެސް މުޅި މިސަރަހައްދުން އެންމެ އަގުބޮޑީ ރާއްޖޭގައި