ރާއްޖޭގެ ބޯޑަރުތަކުގެ ސިއްހީ ގާބިލުކަން އިތުރު ކުރަން ބޭނުންވާ ސާމާނު ހަދިޔާކޮށްފި
 
                                                        ރާއްޖޭގެ ބޯޑަރުތަކުގެ ސިއްހީ ގާބިލުކަން އިތުރު ކުރުމަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފި އެވެ.
މި ސާމާނުތައް ހަދިޔާކޮށްފައި ވަނީ ޖަޕާން ސަރުކާރުގެ އެހީގައި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަން (އައިއޯއެމް) އިން ކުރިއަށް ގެންދާ "ސްޓްރެންތެނިން ކެޕޭސިޓީ އޮފް ބޯޑަ ކޮންޓްރޯލް ފޮ ރެސްޕޮންޑިން ޓު އިންފެކްޝަސް ޑިޒީޒް އިން ސައުތު ވެސްޓް އޭޝިއާ" މަޝްރޫއުގެ ތެރެއިންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
މި މަޝްރޫއުގެ ސަބަބުން ޕޮއިންޓް އޮފް އެންޓްރީގައި ފަތުރުވެރިންގެ ސިއްހަތު ރައްކާތެރިކަމާ އެކު ސްކްރީން ކުރުމަށް މަގުފަހިވެ، ފިޒިކަލް ކޮންޓެކްޓް ޕޮއިންޓްސް މަދުކޮށް، މަޑުކުރަން ޖެހޭ ގަޑި އަދި ތޮއްޖެހުން މަދުކުރެވޭނެ އެވެ. އަދި އޭގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރީގެ ދަތުރުފަތުރުތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ މި މަޝްރޫއިން ރާއްޖެއަށް ދެމެހެއްޓެނިވި ކުރިއެރުން ގެނެސްދޭނެ ކަމަށާއި މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖެ އާއި ޖަޕާނާ އަދި އައިއޯއެމް ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ސަބަބުން އާންމު ސިއްހަތުގެ އޮނިގަނޑުގެ ތެރެއިން އިތުބާރު އަދި ގާބިލުކަން އުފެއްދުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމަށެވެ.
މި ރަސްމިއްޔާތުގައި އައިއޯއެމްގެ ޗީފް އޮފް މިޝަން ކްރިސްޓިން ޕާކޯ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު ތަކެއުޗީ މިދޯރީ އާއި ސަރުކާރާ މި ޕްރޮޖެކްޓުގައި ހިމެނޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
 
  
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
