މާދަމާ އިން ފެށިގެން އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސުން ކަނޑާލައިފި
"އާސަންދަ ސްކީމް" ގެ ރިފޯމްގެ މަސައްކަތްތަކުގެ ދަށުން މާދަމާ އިން ފެށިގެން އާސަންދަ ލިބޭނީ ޕްރިއިވެޓް އިންޝުއަރެންސުން ކަނޑާލައިފި ކަމަށް ނޭޝަނަލް ސޯޝަލް ފްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނީ މިކަންކަން ކުރިއަށްދަނީ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އަދި ދެ ފުށްފެންނަފަދަ އުސޫލަކުންކަން ކަށަވަރުކުރުމަށްޓަކައި މި ފިޔަވަޅު ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ. އެއީ "އައުޓް ޕޭޝަންޓް" އަދި "އިން ޕޭޝަންޓް" ގެ ހިދުމަތްތައް ވަކިން ކަމަށް އެންސްޕާއިން ބުންޏެވެ.
މާދަމާއިން ފެށިގެން ސަރުކާރުގެ އަދި އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތައް ހޯދާ މީހުންގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތެއް ނަމަ، ޕްރައިވެޓް އިންޝުއަރެންސަށް ބިލު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ.
"ޕްރައިވެޓް އިންޝުއަރަންސް ނަގާފައިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ ޕްރައިވެޓް އިންޝުއަރަންސް އިން އެ ހިދުމަތެއް ކަށަވަރު ނުކުރާނަމަ. އެ ފަރާތަކަށް މިހާރެކޭވެސް އެއް ގޮތައް އާސަންދައިން އެ ހިދުމަތްތަކަށް ކަވަރޭޖް ލިބިގެންދާނެ"
އެހެންކަމުން މި ފުރުސަތުގައި އާސަންދަ ސްކީމް މެދުވެރިކޮށް ހިދުމަތް ލިބިގަތުމަށްފަހު އެކަމުގެ ފައިސާގެ ލިޔުން ހޯދުމަށް ހަނދުމަ ބެހެއްޓުމަށްވެސް އެންސްޕާއިން ބުންޏެވެ.
މީގެ އިތުރުން އެންސްޕާއިން ބުނީ ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމް އާސަންދަ ސްކީމް އަކީ ދެމެހެއްޓެނެވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށެވެ.
އެންސްޕާއިން ވަނީ އުސޫލާ ހިލާފަށް ހިދުމަތްދޭ މަރުކަޒުތަކުން އަމަލުކުރާކަން ފާހަގަ ކުރެވިއްޖެނަމަ އެކަން އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ "ޝިކާވަތި" ޗެޓްލައިން 7951400 އަށް ރިޕޯޓު ކުރުމަށެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާނަމަ، އާސަންދައިގެ ހޮޓްލައިންނަށް ގުޅުއްވުމަށް އެންސްޕާއިން ވަނީ އެދިލައްވާފަ އެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގައި ބޭއްވި އިޖުތިމާއީ ކޮމެޓީ ބައްދަލުވުމުގައި ވިދާޅުވީ ޑަބަލް އިންޝުއަރެންސް ލިބުމުގެ މައްސަލައަށް ތަންފީޒުކުރަން ފަށާ ސިޔާސަތުގައި ބަލާފައިވާނެ ކަމަށެވެ. އަދި ސޯޝަލް ރަޖިސްޓާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ރަޖިސްޓާގެ ތެރެއިން އެހީއަށް އެދޭ ފަރާތުގެ ގޭބީސީތަކުގެ މައުލޫމާތާއި ދިރިއުޅުމުގެ ފެންވަރާ އަދި ކަމަށް ބޭނުންވާ އެހެން ވެސް އެފަދަ ގިނަ މައުލޫމާތުތަކެއް އެެއް ކުރެވޭނެ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފަ އެވެ.