ޖެންއަށް ކަމުދަނީ ރަށްފުށުގެ ހިތްގައިމު ދިރިއުޅުން
މީގެ ހަތް އަހަރު ކުރިން ރާއްޖެ އައީ އެކްސްކާޝަން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. ކ. މާފުށީގައި ވަޒީފާ އަދާކުރަމުން ގޮސް އޭނާއަށް ފެނުނީ ހިތްފަސޭހަ ދިރިއުޅުމެކެވެ. މި ދައްކަނީ ކެނެޑާއަށް އުފަން ޖެން ޑާލިންގެ ވާހަކަ އެވެ.
މާފުށީގައި ތިން އަހަރު ދުވަހު މަސައްކަތް ކުރުމަށްފަހު ދެން ބަދަލުވީ ވ. ތިނަދޫއަށެވެ. ތިނަދޫގެ ގެސްޓު ހައުސްގައި މަސައްކަތް ކުރަމުން ގޮސް، މީގެ ދެ އަހަރު ކުރިން ތިނަދޫގެ ޒުވާނަކާއިއެކު ޒަވާޖީ ހަޔާތެއް ފެށި އެވެ. އެއާއެކު ޖެންގެ ދިރިއުޅުން ރާއްޖޭގެ ރަށްފުށަށް މުޅިން ބަދަލުކޮށްލި އެވެ.

ޖެން އެންމެ މިސްވަނީ ކެނެޑާގެ ހަތަރު މޫސުން. ހާއްސަކޮށް ފިނި މޫސުން އޭނަ ވަރަށް މިސްވޭ
ޖެންއަކީ ކެނެޑާގެ ރައްޔިތެކެވެ. އޭނާގެ ދިރިއުޅުމުގެ ބޮޑުބައެއް ކެނެޑާގައި ދިރިއުޅުނެވެ. އެގައުމަކީ ރާއްޖެއާއި ހިލާފަށް ފިނި ގައުމެކެވެ. މިއީ ޖެންއަށް ޗެލެންޖެއްވެސް މެ އެވެ.
“ރާއްޖެ ވަރަށް ހޫނު ގަދަ. އަހަރެން އަބަދުވެސް ފިނި މޫސުމަށް ލޯބި ކުރަން. އެހެންވީމަ އެއީ ޗެލެންޖެއް. ދެން ކެއުންވެސް ވަރަށް ތަފާތު ރާއްޖޭގަ”
ޖެން ބުނީ މި ކަންކަމާއި އެކުވެސް ރާއްޖޭގައި ދިރިއުޅެން ފެށުމުން މިތަނުގެ އާދަތަކާ ރައްޓެހިވާން އުނދަގޫ ނޫން ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީއެއްގެ ހައިސިއްޔަތުން ކުރިމަތި ވަނީ ކޮން ކަހަލަ އުނދަގޫތަކެއްތޯ އެހުމުން ޖެން ބުނީ ބޯހިޔާވަހިކަން ކަށަވަރު ކުރުމުގެ ދަތިކަން އިހުސާސް ކުރެވޭ ކަމަށެވެ. ރާއްޖޭގައި ދިވެހިންނަށްވެސް ބިމުގެ ދަތިކަން އޮތްކަން ފާހަގަކޮށް ޖެން ބުނީ ބިދޭސީންނަށްވެސް މި ދަތިކަން އެބަ އޮތް ކަމަށެވެ.

ބިދޭސީންނަށް ރާއްޖޭގައި ގޮންޖެހުންތަކެއް އެބަހުރި. އެކަމަކު ގޮންޖެހުންތައް ގިރާ ކުރަން ފަސޭހައީ ފިރިމީހާއާއި އާއިލާގެ އެހީތެރިކަމާއިއެކުކަމަށް ޖެން ބުނޭ
ބިދޭސީން ދިވެހިންނާއި ކައިވެނި ކުރުމަކީވެސް އޭގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. ޖެން ބުނާ ގޮތުގައި މި ގޮންޖެހުންތައް އިހުސާސް ކުރަން ޖެހެނީ ހަމައެކަނި ބިދޭސީ މީހާއަށް އެކަންޏެއް ނޫނެވެ. ދިވެހި މީހާއަށްވެސް މި ގޮންޖެހުންތައް އެއްވަރަކަށް ކުރިމަތިވާކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ފިރިމީހާއާއި އޭނާގެ އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުން ޖެން ފާހަގަކުރެ އެވެ. އޭނާ ބުނީ ހުރިހާ ގޮންޖެހުންތަކެއްވެސް ފަސޭހައިން ގިރާ ކުރެވެނީ އެންމެންގެ ލޯތްބާއި އެހީތެރިކަމާއިއެކު އެވެ.
ފިރިމީހާއާއި ދިމާވި ގޮތް ޖެން ވަރަށް ކުރުކޮށް ކިޔައިދިނެވެ.
“އަހަރެން މަސައްކަތް ކުރަން ތިނަދޫއަށް ބަދަލުވިއިރު ފިރިމީހާ އުޅެނީ ޑައިވް ކުރަން. އެގޮތަށް ދިމާވީ. ހަތް އަހަރު ފަހުން މިއަދު މިތިބީ ކައިވެނިކޮށްގެން”
ޖެންއަކީ ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީގައިވެސް ވަރަށް މަގްބޫލު ނަމެކެވެ. އޭނާ ޓިކްޓޮކަށް ވަނީ ރާއްޖޭގެ ދިރިއުޅުން ދައްކައިލުމަށެވެ. އެކަމަކު ފެށިއިރު މިވަރުގެ ތާއީދެއް ލިބޭނެ ކަމަކަށް ޖެން އުއްމީދެއް ނުކުރެ އެވެ.

ޓިކްޓޮކްގައި ޖެންއަށް ލިބުނު މަގުބޫލުކަން އޭނާ ފާހަގަކުރޭ. ދިވެހިންގެ ލޯބި ޖެންއަށް ވަރަށް ހާއްސަ
އޭނާ ދެކޭ ގޮތުގައި މީހުން ޖެންގެ ކޮންޓެންޓުތަކަށް ލޯބި ކުރަނީ އަސްލު ދިރިއުޅުން ދައްކާތީ އެވެ. ޖެންއަކީ އޭނާ ދިރިއުޅުމުގެ ކަންކަން ވަރަށް ތިލަކޮށް ވީޑީއޯތަކުގެ ޒަރިއްޔާއިން ގެނަސްދޭ މީހެކެވެ. އެހެންނަމަވެސް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ.
“ފޭކު ޕްރޮފައިލްތައް ހަދައިގެން ކޮމެންޓު ކުރާ މީހުން ގިނަ. ބައެއް މީހުން ވަރަށް ހުތުރު ކޮމެންޓު ކުރޭ. އެ ކޮމެންޓުތައް ފެނުމުން ވަރަށް ދެރަވޭ”
ޖެންއަށް އެފަދަ ހުރިހާ ކޮމެންޓުތަކަށްވުރެއް ލޯބިވާ މީހުންގެ ކޮމެންޓުތައް މާ މުހިންމެވެ. އޭނާ ބުނާ ގޮތުގައި ބައެއް މީހުން ދިގު ޕެރެގްރާފްތައް ޖެންއަށް މެސެޖުކުރެ އެވެ. އަދި ކޮންޓެންޓުތައް ކަމުދާ ކަމަށާއި އެމަސައްކަތް ހުއްޓައި ނުލުމަށް ހިތްވަރު ދޭކަމަށް ޖެން ބުންޏެވެ.
ސޯޝަލް މީޑިއާގެ ކޮންމެ ޕްލެޓްފޯމެއްގައި އުޅުނަސް ވަރަށް ހިތްވަރާއިއެކު ކުރިމަތިލާން ޖެހޭނެކަން އޭނާ ފާހަގަކުރި އެވެ.

ޖެން މިހާރު ދިރިއުޅެނީ ވ. ތިނަދޫގައި ފިރިމީހާއާއިއެކު ހިތްގައިމު ގެއެއްގައި
ކައިވެންޏަށްފަހު ޖެން ވަނީ އަމިއްލަ ވިޔަފާރިއެއް ތިނަދޫގައި ފަށައިފަ އެވެ. ޖިމީސް އެކްސްކާޝަންގެ ނަމުގައި ވިޔަފާރިއެއް ފެށީ އޭނާއާއި ފިރިމީހާއާއި ދެމީހުން ގުޅިގެންނެވެ. އެތަނުގެ ނަން ނިސްބަތްވަނީ ޖެންގެ ބައްޕަގެ ނަމަށެވެ. ޖެން ބުނި ގޮތުގައި އޭނާގެ ބައްޕަ އަކީ މޫދަށް ވަރަށް ލޯބިކުރާ މީހެކެވެ.
ޖެން އާއި އޭނާގެ ފިރިމީހާ އަމިއްލަ ގެއެއް ހަދައި އެގެއަށް ދިރިއުޅުން ބަދަލުކޮށްފައިވާއިރު ގޭގެ މަސައްކަތުގެ ތެރެއިންނާއި އޭގެ ފަހުގެ ކޮންޓެންޓުތައް އޭނާ ވަނީ ޓިކްޓޮކްގައި އާންމުކޮށްފަ އެވެ.
ރަށްފުށުގެ ދިރިއުޅުމާއި މާލޭގެ ދިރިއުޅުމާއި ގުޅޭގޮތުންވެސް ޖެންއާ ސުވާލު ކޮށްލީމެވެ. އޭނާ ބުނާ ގޮތުގައި މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ މީހުން ގިނަ ކަމަށެވެ. އެހެންނަމަވެސް ރަށްފުށުގައި ދިރިއުޅެނީ ތަނަވަސްކަމާއި ހިތްހަމަޖެހުމާއިއެކު ކަމަށް ޖެން ބުންޏެވެ. ގިނަ ކަންކަމުގައި މާލެ އަންނަން ޖެހުނު ނަމަވެސް ރަށްފުށުގެ ދިރިއުޅުން ދޫކޮށް މާލެ ބަދަލުވުމުގެ ވިސްނުމެއް ޖެންގެ ނެތެވެ.
“ބައެއް ކަންކަމުގަ ވަރަށް އުނދަގޫ ރަށެއްގަ ދިރިއުޅެން. އެކަމަކު މާލޭގެ ހާސްބޮޑު ދިރިއުޅުމަށްވުރެއް އަހަންނަށް ކަމުދަނީ ރަށްފުށުގެ ދިރިއުޅުން”