ޚަބަރު އިޖުތިމާޢީ

އަމީނީ މަގުގައި ދެ އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އަމީނީ މަގު: މަގުގައި ދެ އެކްސިޑެންޓެއް ހިނގައި މީހަކަށް ވަނީ އަނިޔާވެފައި / ފޮޓޯ:ދެން އިމޭޖްސް

އަމީނީ މަގުގައި ރޭ ދެ އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

Ads by MWSC

ދިވެހި ފުލުހުންގެ ހިދުމަތުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖުތަކެއްގައި ބުނީ ފުރަތަމަ އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ 8:30 ހާއިރު ކަމަށެވެ. އެކްސިޑެންޓް ހިނގާފައި ވަނީ އަމީނީ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވީ ދިވެހި އަންހެނަކަށް ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށެވެ.

އިތުރަށް ބުނި ގޮތުގައި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެ އިދާރާއިން ބަލަމުން ގެންދާ ކަމުގަ އެވެ.

ދެ ވަނަ އެކްސިޑެންޓެއް ހަމަ އެ މަގުގައި ހިނގީ ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓާ ގުޅިގެން މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ރޭ 10:00 ހާއިރު ހިނގި ކަމަށް ރިޕޯޓުކުރި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ, ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށާތާ ފަސް މިނެޓުގެ ތެރޭގައި ފުލުހަކު ފެންނަން ޖެހޭނެ ގޮތަށް ފުލުހުންގެ ޕޮލިސީއެއް ވަނީ ކަނޑައަޅާފަ އެވެ. އެކަމާ ގުޅޭގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައި ވަނީ މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގައި މާލެ ސިޓީގެ 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.

އެ މަސައްކަތްތައް މޮނިޓާކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރުތަކެއް މާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވި ގޮތުގައި ސީނިއާ ފުލުހުން އެ ސެންޓަރުތަކުގައި 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެ ކަމުގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!